12 Feb 2023, 14:14
ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެން ހުންނަވަނިކޮށް ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް, އަދި އެ ޕާޓީގެ ސެނެޓް މެމްބަރު އަބްދުއްސަމަދު (ސަމަދުބެ)، އިއްޔެ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލައާ ގުޅިގެން އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން އިންޑިއާގެ ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ސަމަދުބެގެ އާއިލާ މެމްބަރަކު 'ސަން' އަށް ބުނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އޭނާގެ އާއިލާއާއެކު އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުގައި ހުންވަނިކޮށް، ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
ސަމަދުބެގެ އާއިލާއިން ބުނީ ފުލުހުންގެ ވެހިކަލްގައި އިނދެ, މާލޭގައި ތިބި އޭނާގެ އާއިލާ މެމްބަރުންނަށް އޭނާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ކަމުގެ ޚަބަރު ދިން ކަމަށެވެ.
އެ ވަގުތު އޭނާއާއެކު ތިބި އޭނާގެ ކުޑަދެކުދިން ތިބީ ވަރަށް ބިރުން ކަމަށް ސަމަދުބެ މައުލޫމާތު ދިން ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު، ހީނާ ވަލީދު 'ސަން' އަށް ވިދާޅުވީ މިއަދު މެންދުރުފަހު ޞަމަދު ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ޑީޕޯޓު ކޮށްލުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.