12 Feb 2023, 17:19
ތުރުކީވިލާތާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 30،000އާ ގާތްވެފައިވާ އިރު، އެގައުމަށް އަދިވެސް ދަނީ ލޮޅުންތައް އަރަމުންނެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އައި ބިންހެލުމުގެ ފަހުން ތުރުކީއަށް އައި ލޮޅުންތަކުގެ އަދަދު 2،356އަށް އަރައެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ތުރުކީ އާއި ސީރިއާއަށް އައި 7.8 މެގްނިޓިއުޑުގެ ބިންހެލުމާއި އޭގެ ފަހުން ލޮޅުންތަކުގެ ސަބަބުން ދެ ގައުމަށް ލިބުނު ގެއްލުން ފޫބެއްދުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.
އެހެންކަމުން، ގިނައިން ބިންހެލުންތައް އަންނަ ސަރަހައްދުތަކުގައި އިމާރާތް ކުރާ އިރު ނުރައްކާތައް ކުޑަކުރެވޭ ގޮތަކަށް އިމާރާތް ކުރުމަށް މާހިރުން ދަނީ ގޮވާލަމުންނެވެ.
މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން ތުރުކީން މިހާތަނަށް 24,617 މީހުން މަރުވެފައިވާއިރު، ސީރިއާގައި 4,500 މީހުން ވަނީ މަރުވެފައެވެ.
އެ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން ހޯދުމުގެ އުންމީދުތައް މިހާރު ފަނޑުވެފައިވާއިރު، ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
އދ.އިން ބުނެފައިވަނީ ސީރިއާގެ ބިންހެލުމާ ގުޅިގެން 5.3 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލުން އެކަށީގެންވާ ކަމަށެވެ. އަދި ތުރުކީ އާއި ސީރިއާގައި ގާތްގަނޑަކަށް 900،000 މީހުން އަންނަނީ ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަމުން ކަމަށް ވެސް އދ.އިން ބުނެއެވެ.

ރެސްކިއު ފޯސް ތަކުން އަންނަނީ އަދިވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން -- ފޮޓޯ/ ރޮއިޓާސް
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑްރޯން ފުޓެޖާއި ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ބިންހެލުން އައި ސަރަހައްދުގެ އިމާރާތްތައް ވެއްޓި ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑްކްރޮސް (އައިއެފްއާރުސީ)ގެ ޑިޒާސްޓާސް، ކްލައިމެޓް އެންޑް ކްރައިސިސްގެ ޑިރެކްޓަރު ކެރޮލައިން ހޯލްޓް ވިދާޅުވިގޮތުގައި ބިންހެލުމުގައި ގެއްލުން ލިބުނު ސަރަޙައްދުގެ ބޮޑުމިން ފްރާންސްގެ ބޮޑުމިނާ އެއްވަރެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ބިންހެލުމުގެ އަސަރު ކުރި މީހުންގެ އަދަދު 23 މިލިއަނާ ގާތްކުރާނެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުން އައި 10 ސަރަހައްދެއްގައި ތުރުކީން ވަނީ ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވި ގޮތުގައި އެގައުމުގައި 70 ގައުމަކުން ވަނީ ރެސްކިއު އޮޕަރޭޝަންތަކުގައި އެހީތެރިކަން ހުށަހަޅާފައެވެ. އަދި އެ ގައުމުގެ ސިޓީއެއް ކަމަށްވާ އަންޓަލިޔާގައި ހޮޓަލްތައް ހުޅުވާ ވަގުތީ ގޮތުން ގެއްލުން ލިބުނު މީހުން ބައިތިއްބަން ނިންމާފައިވާކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ސީރިއާ އާއި ތުރުކީގެ އެކި ހިސާބުތަކުން ވޮލަންޓިއަރުން ވަނީ ހޯމަ ދުވަހު އައި ބިންހެލުމުގައި ގެއްލުން ލިބުނު މީހުންނަށް ކުރެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވުމަށް އެތައް މޭލެއް ކަޑައްތުކޮށް ދަތުރުކޮށްފައެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 30،000ހާ ގާތަށް -- ފޮޓޯ/ އަލްޖަޒީރާ
ތުރުކީގެ އިސްތަންބޫލްގެ ރައްޔިތުން އަންނަނީ ބޮޑު ބިންހެލުމަށް ފަހު އަނެއްކާވެސް އިތުރު ބިންހެލުންތައް އަތުވެދާނެތީ އެ ބިރުވެރިކަން ވެސް އިހުސާސު ކުރަމުންނެވެ.
ތުރުކީއާއި ސީރިއާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.
އެހެންނަމަވެސް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފައުޖުތަކުން އަދިވެސް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ.