11 Feb 2023, 20:06
އަންކަރާ (11 ފެބްރުއަރީ 2023): ތުރުކީގެ ހުޅަނގު ދެކުނުގެ ސަރަހައްދަށް މިހަފުތާގެ ކުރީކޮޅު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24,000 އަށްވުރެ މައްޗަށް ގޮސް ޒަޚަމްވި މީހުންގެ އަދަދު 80,000 އަށް އަރައިފިއެވެ.
މީގެތެރޭގައި އެބިންހެލުމުގެ ސަބަބުން ސީރިޔާއިން މަރުވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާ 5،000 މީހުންނާއި ޒަޚަމްވީކަމަށް ރިޕޯޓްކޮށްފައިވާ 7،000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.
ތުރުކީއާއި ސީރިޔާގެ ވެއްޓިފައިވާ އެތަށް ހާސް އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ފަންނީ ޓީމުތަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން މިހާރުވަނީ ކޮންކްރީޓްތަކުގެ ދަށުން މިނިކުނިވަސް ދުވަންފަށާފައެވެ. އެއީ ސަލާމަތް ނުކުރެވޭ މީހުން މަރުވެ އެމީހުންގެ ހަށިތައް ކޮންކްރީޓްތަކުގެ ދަށުގައި ކުނިވާން ފެށުމުންކަމަށް ބެލެވެއެވެ.
އެހެންކަމުން ތުރުކީއާއި ސީރިޔާގައި ބިންހެލުމުގެ އަސަރު އެންމެބޮޑަށްކުރި ސަރަހައްދުތަކުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ގިނަ ބަޔަކު މިހާރުވާނީ މަރުވެފައިކަމަށާއި ދެން ކޮންކްރީޓްތައް ހޭވިނަމަވެސް އެތަނުގެ ދަށުން ދިރިހުއްޓާ މީހަކު ފެނުމަކީ ވަރަށް ނާދިރު ކަމެެއްކަމަށްވަނީ ބެލެވެން ފަށާފައެވެ.

ކޮންކްރީޓްތަކުގެ ދަށުން ނަގާފައިވާ މީހުންގެ މަރުވެފައިވާ ހަށިތައް
އަލްޖަޒީރާގެ ރިޕޯޓްތައް ބުނާގޮތުން ތުރުކީއަށް ބެލިނަމަވެސް އަދި ސީރިޔާއަށް ބެލިނަމަވެސް ބިންހެލުމުގެ ސަބަބުން އެދެގައުމުގެ އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދުތައް ވަނީ މިނިކުނިވަހުން އެއްވަސް ވެފައެވެ. ކުނިވަސް ގަދަވުމުގެ ސަބަބުން ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުންވަނީ ދަތިކަމަކަށްވެފައެވެ.
ނަމަވެސް މީހުން ސަލާމަތް ކުރުމަށްޓަކައި ކޮންކްރީޓްތައް ހާވައި ބަލާ ޓީމުގެ މަސައްކަތްތައް އަދި ހުއްޓައެއް ނުލައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ގެންދަނީ މެދުނުކެނޑި ކުރިއަށެވެ. މަސައްކަތް ހުއްޓާލާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް އިއްޔެއިން ފެށިގެން ކޮންކްރީޓްތަކުގެ ދަށުން ނަގަމުން ގެންދަނީ މަރުވެފައިވާ މީހުންގެ ހަށިތަކެވެ.
ދިރިހުރި މީހަކު ވަރަށް ނުފެނެއެވެ. ނަމަވެސް އިއްޔެ ނެގިމީހުންގެ ތެރެއިން ވަރަށް މަދުމީހެއްގެ ފުރާނަ ހުއްޓެވެ. އެމީހުންގެ ގެ ހާލަތު ވަރަށްގޯހެވެ. ފަރުވާދެމުން ގެންދިޔަނަމަވެސް އެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެކަމުގެ އުންމީދު ކުޑައެވެ.

މީހުން ސަލާމަތް މަސައްކަތްކުރަ ފަންނީ ޓީމުތަކުގެ މީހުން
އިއްޔެވެސް ދިރިތިއްބާ ބައެއް މީހުން ކޮންކްރީޓްތަކުގެ ދަށުން ފެނިފައިވާތީ ދިރިތިބި މީހުން ފެނިދާނެކަމުގެ އުންމީދު އަދި އެއްކޮށް ނުގެއްލެއެވެ. ކޮންކްރީޓްތަކުގެ ދަށުގައި ފެން ނުލިބި ގަދަފިނީގައި އިންސާނަކަށް އާންމުގޮތެއްގައި ދިރިހުރެވިދާނެކަމަށް ބެލެވެނީ ގިނަވެގެން ހަތަރުދުވަހަށެވެ. ނަމަވެސް މީގެކުރިން ބިންހެލުން އައި ސަރަހައްދުތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ހަތް ދުވަސް ފަހުންވެސް ދިރިތިއްބައި މީހުން ފެނިގެން ސަލާމަތްކޮށްފައިވާތީ ބައެއް ހާލަތްތަކުގައި ހަފުތާއެއްހާ ދުވަހުވެސް ބައެއް މީހުން ދިރިތިބެދާނެކަމަށް ވަނީ ބެލެވިފައެވެ.
ތުރުކީގެ ހުޅަނގު ދެކުނަށް ބިންހެލުން އައިތާ މިއަދަށް ހަ ދުވަސް ވެފައި ވާއިރު ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގަދަ ފިނީގައި މިހާރު މީހުން ދިރިތިއްބަސް ތިބޭނެކަމަށް ބެލެވެނީ ވަރަށް މަދުމީހެކެވެ. އިއްޔެވެސް ވަރަށް މަދުބަޔަކުނަމަވެސް ދިރިތިއްބާ ސަލާމަތް ކުރެވިފައިވާތީ މީހުން ސަލާމަތްކުރަން ކުރާ މަސައްކަތްތަކަށް އަދި އޮތީ ކުރިއަށްގެންދާ ގޮތަށެވެ. އެކަން ބާރަށް ކުރިއަށް އެބަގެންދެއެވެ.
ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގެ ފަންނީ ޓީމުތަކާއި ތުރުކީގެ ފަންނީ ޓީމުތައް ހިމެނޭގޮތަށް ގާތްގަނޑަކަށް ދޮޅުލައްކައަށް ވުރެ މީހުން ތުރުކީގެ ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން ގެންދެއެވެ. ސީރިޔާގެ ސަރަހައްދުތަކުގައިވެސް ބޭރުގައުމުތަކުންނާއި ސީރިޔާގެ އެތެެރެއިން ގިނަ ޓީމުތަކެއް ހަރަކާތްތެރިވަމުން ގެންދެއެވެ. ނަމަވެސް ސީރިޔާގައި މަސައްކަތްކުރާ ފަންނީ ޓީމުތަކުގައި ހިމެނޭ ޖުމްލަ މީހުންގެ އަދަދު ސާފެއް ނުވެއެވެ.
ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޓީމުތައް އަވަދިނެތި 24 ގަޑިއިރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދެއެވެ. އެޓީމުގެތަކުގެ މަސައްކަތުގައި ތަމްރީން ދީފައިތިބި ކުއްތާތަކާ އަދި ޓެކްނޮލޮޖީގެ ޒަމާނީ ވަސީލަތްތައް ގެންދަނީ ބޭނުންކުރަމުންނެވެ. ނަމަވެސް ތުރުކީގައި މިކަން ކުރަމުންގެންދާ ބާރުމިނުގައި ސީރިޔާގެ ސަރަހައްދުތަކުގައި މިކަން ކުރިއަކަށް ނުދެއެވެ.
ބިންހެލުމުގެ ސަބަބުން ތުރުކީގައި މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައިވާއިރު ސީރިޔާގައި ހަތަރު ލައްކައެއްހާ މީހުން ވަނީ ހާލުގައިި ޖެހިފައެވެ. އެމީހުންނަށް ބޯހިޔާވަހިކަމުގެ އިތުުރުން ކާބޯތަކެއްޗާއި ބޭހާއި ސިއްހީ ފަރުވާއާއި އަންނައުނާއި ރަޖާ ފަދަ ތަކެތި ބޭނުންވެއެވެ.