11 Feb 2023, 15:56
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ ހެނދުނު ގާބުރިއެއް އެއްލާ ޕޮލިސް ސްޓޭޝަނުގެ ބިއްލޫރި ގަނޑެއްވަނީ ތަޅާލައިފައެވެ. އެ ހާދިސާގައި ފުލުހަކަށް ވެސް ވަނީ އަނިޔާ ވެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހަކަށް އަނިޔާވީ، ބިއްލޫރިގަނޑު ތަޅައިލަން އެއްލި ގާބުރި އެތެރޭގައި ހުރި ފުލުހެއްގެ ބޮލުގައި ޖެހިއެވެ.
ފުލުހުންގެ ވެހިކަލަށާއި މަގުގައި ހުންނަ ބެރިކޭޑުފަދަ ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ މައްސަލަތައް އަންނަނީ މަދުން ނަމަވެސް ހިނގަމުންނެވެ.
އެގޮތުން މިދިޔަ މަހު ވެސް ވަނީ ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލައިފައެވެ. އޭގައި ރޯކޮށްލީ ހުޅުމާލޭ އެޗްޑީސީ ބިލްޑިން ކައިރީގައި ޕާކުކޮށްފައި އޮއްވައެވެ.