11 Feb 2023, 19:50
ޕްލޭނިން މިނިސްޓްރީން, ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރިޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ނިމިފައިވާ ތިން ސެގްމަންޓުތަކުގައި ތާރު އެޅުމުގެ މަސައްކަތް މި ހަފުތާގައި ނިންމާލެވޭނެ ކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
'ސަން'އާ ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ އަމީނީމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާ ގޮތާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މަގު އޮތް ގޮތް ދެނެގަނެވި، މިހާރު މަގު ހެދުމުގެ ސްޕީޑު ވެސް އަވަސް ކުރެވިފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ އެ މަޝްރޫއާ މެދު ރައްޔިތުންގެ އޮތީ އެންމެ ކަންބޮޑުވުމެއް ކަމަށެވެ. އެއީ މަސައްކަތުގެ ސްޕީޑް ލަސްވުން ކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ އިތުރު އެއްވެސް ޝަކުވާއެއް ނާންނަ ކަމަށެވެ.
އެ މަޝްރޫއު ލަސްވުމާ ގުޅިގެން ބައެއް ރައްޔިތުނާއި އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެކަަމަށް ރައްދުދެއްވައި މޫކޭ ވިދާޅުވީ މަސައްކަތް ކިތަންމެ ރަނގަޅަށް ކުރިއަށް ދިޔަ ނަމަވެސް އިދިކޮޅުން އަބަދުވެސް ފާޑު ކިޔާނެ ކަމަށެވެ.
"އެންމެ ގިނައިން ފާޑުކިޔުން އަންނަނީ ތާރު އެޅުން ލަސްވެގެން. ގިނަ ދުވަސްވާތީ،" މޫކޭ ވިދާޅުވިއެވެ.
އަމީނީ މަގުގެ ތާރުއެޅުން މިހާރު އެމްޓީސީސީއާ ހަވާލު ކޮށްފައިވާއިރު އެކަމާ ގުޅިގެން މޫކޭ ވިދާޅުވީ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އެ މަސައްކަތް އާރްޑީސީއަށް ނުވެގެން ނުވަތަ ކެޕޭސިޓީ ނެތިގެން ނޫން ކަމަށެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެހެން ބަޔަކާ މަސައްކަތް ހަވާލު ކުރީ ގާބިލުކަން ނެތީމައެއް ނޫން. ކެޕޭސިޓީ ނެތީމަ އެއް ވެސް ނޫން. އެކަމަކު ރައްޔިތުންނަށް ލުއިފަސޭހަ ވާނެ އަދި އަވަސް ވާނެ ގޮތަކަށް އެކަން ކުރުމަށް،" އޭނާ ވިދާޅުވިއެވެ.
އެގޮތުން އެ މަސައްކަތް ކުރަން ބޭނުންވާ މެޝިނަރީ ގެނެސްފައިވާ ކަން ފާހަގަކުރައްވައި މޫކޭ ވިދާޅުވީ މެޝިނަރީތައް ބަހައްޓާނެ ބިމެއް ހަމަޖެއްސުމަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"މެޝިން ބަހައްޓާނެ ބިމެއް ހަމަޖެއްސުމަށް މިނިސްޓްރީގަ އެދުނިން. އެކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ވެސް ކުރި. ނަމަވެސް އެނގިވަޑައިގަންނަވާނެ މާލޭގައި ބިމުގެ ދަތިކަން އިންތިހާއަށް އެބަހުރިކަން،" މޫކޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ލަސްވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ އެއީ ކަމަށެވެ. އަދި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެލިގަނޑު މިހާރު އޮތް ގޮތުން ގިނަ ޝަކުވާތަކެއް އައުމާ ގުޅިގެން ތާރު އެޅުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމޭނެ ގޮތެއް ހޯދަން އިތުރު ވިސްނުމަކަށް ދިޔައީ ކަމަށް އޭނާ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މާލޭގައި ތާރު އަޅާ ތިން ޕާޓީއެއް އުޅޭ ކަމަށެވެ. އަދި ވަރަށް ގިނަ މަޝްވަރާތަކަކަށް ފަހު ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރަން އެއްބަސް ވީ އެ ކުންފުންޏަކީ މިހާރު ވެސް އެ މަސައްކަތް ކުރާ ކުންފުންޏަކަށް ވުމުން ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި އެމްޓީސީސީގެ ގާބިލިއްޔަތާމެދު ސުވާލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފުތިތާހް ކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެމަގުގެ ހަތަރުވަނަ ސެގްމެންޓްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.