16 Apr 2012, 09:16
ބޮގޮޓާ (އެޕްރިލް 16): ނިއުކްލިޔަ މައްސަލާގައި އެމެރިކާ އިން އީރާނަށް ކުޑަވެސް ދުލެއްނުދޭނެ ކަމަށާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރުފިޔަވަޅުތައް އަޅަންވެސް އެމެރިކާއޮތީ ތައްޔާރަށް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެ ޤައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގައި އެމެރިކާ ދޫދެމުން ގެންދާ ކަމަށް އިސްރާއީލުން ކުރިތުހުމަތުތަކަކަށް ރައްދުދެއްވަމުން އޮބާމާ ވިދާޅުވީ އިސްތަންބޫލްގައި މިހާރު ކުރިޔަށްދާ ވާހަކަތަކުން ނަތީޖާއެއް ނުނެރެވިއްޖެ ނަމަ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރުފިޔަވަޅުތައް އަޅަން ވެސް އެމެރިކާއޮތީ ތައްޔާރަށެވެ.
ކޮލަންބިޔާގައި ކުރިޔަށްދާ ލެޓިން އެމެރިކާގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ބޭއްވި ނޫސްކޮށްފަރެންސެއްގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ނިއުކްލިޔާ މައްސަލާގައި ދޫދޭން ޖެހޭނީ އީރާނުން ކަމަށާއި ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމަށް އީރާނުން އެއްބަސްވާންޖެހޭނެ ކަމުގަ އެވެ. ނިއުކްލިޔަ މައްސަލާގައި ކުރިއެރުން ނުލިބޭ ނަމަ ވާހަކަތައް އަބަދު ކުރިޔަށް ނުގެންދެވޭނެ ކަމަށާ ހުޅުވާލެވިފައިވާ ޑިޕްލޮމަސީއެއް އީރާނާ އެކު ނުގެންގުޅޭނެ ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
ނިއުކްލިޔާ މައްސަލާގައި އެމެރިކާ އިން އީރާނަށް ދޫދެމުން ގެންދާ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ވަރަށް ރުޅިވެރިކަމާ އެކު އެމެރިކާއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ނަތަނިޔާހޫ މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލާގައި އެ ޤައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ދެކެވެމުންދާ ވާހަކަތަކުގެ ފުރަތަމަބުރު ކާމިޔާބުކަމަށް ޔޫރަޕްގެ އިއްތިޙާދުން ބުނުމާގުޅިގެންނެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން ގެ ތަރްޖަމާން މިޝޭލް މެން ވަނީ އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ތުރުކީގައި ކުރިޔަށްދާ ވާހަކަތަކުގެ އަމާޒު ރަނގަޅު ކަމަށް ވިދާޅުވެ މިވާހަކަތަކުން ނަތީޖާއެއް ނެރެވިދާނެ ކަމަށް އުންމީދުކުރައްވާ ވިދާޅުވެފަ އެވެ.
އީރާނުންވަނީ ޔޫރޭނިޔަމް ފައްކާކުރުމަށް އެޤައުމުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނަށް ބޭނުންވާ ފައްކާކުރި ޔޫރޭނިޔަމް ލިބޭނެ ކަމުގެ ގެރެންޓީ ދޭނަމަ ވަކިފެންވަރަކަށް ވުރެ މައްޗަށް ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލުމާ މެދު ބޮޑެތި ބާރުތަކާ އެކު އެއްބަސް ވުމަކާހަމައަށް އާދެވިދާނެ ކަމަށް އީރާން ބުނެފައިވެ އެވެ. މިއީ އެމެރިކާ އިން އީރާނަށް ދޫދިނުން ކަމަށް އިސްރާއީލުން ބަލާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. -- އަލްޖަޒީރާ