11 Feb 2023, 11:22
ކުޑަގިރި ޕިކްނިކް އައިލެންޑްގެ އެންމެބޮޑު ބޭނުމަކީ، ދުޅަހެޔޮ، ބަދަހި މުޖުތަމަޢަކަށް މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމެއް ކުރިއަރާނީ، އެ ގައުމެއް ނިސްބަތްވާ ރައްޔިތަކީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ދުޅަހެޔޮ ބަޔަކަށްވެގެން ކަމަށެވެ. ވުމާއެކު އިޖުތިމާޢީ ގުޅުމާއި، މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމަކީ، މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންނަކީ ޖަޒީރާވަންތަ ގައުމެއްގެ އަހުލުވެރިން ކަމަށެވެ. ދިވެހިންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއްކަމަކީ، ޖަޒީރާތަކުގެ ހަމަހިމޭންކަމާއި، ހިތްހަމަޖެހުމާއި، އުފާވެރިކަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މި ޖަޒީރާތަކުގެ ގޮނޑުދޮށްތަކާއި ނޫވިލާ، މޫދަކީ އަޅުގަނޑުމެން ދުރަށް ދާން ބޭނުންވާ ތަނެއް ނޫން. ދޫކޮށްލަން ބޭނުންވާ ތަނެއް ނޫން. އެއީ، ރާއްޖެތެރޭގެ ރަށްފުށުގެ ރަށެއްގައި ދިރިއުޅުނު ކަމަށްވިޔަސް، މި މާލޭގައި ދިރިއުޅުނު ކަމަށްވިޔަސް، އަޅުގަނޑުމެންގެ އުފެދުމުގައި ހުރިކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށުން އަދިވެސް އެ އުފާވެރިކަން ލިބެމުންދިޔަ ނަމަވެސް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ އުފާވެރިކަމުން މަހުރޫމްވެ ގެއްލިފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
"މާލެއަށް މީހުން ހިޖުރަކޮށް، ފުރި ބަންޑުންވެއްޖެ. މާލޭގެ ރައްޔިތުންނަށް މި ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމާއި، އުފާވެރިކަން ނުލިބޭތާ އެތައް ޒަމާނެއް ވެއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުޑަގިރި ރަސްމީކޮށް ހުޅުވުން -- ފޮޓޯ/ ތައީސް އޮފީސް
ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގައި ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވެއްޖެ ކަމަށެވެ. އޭރުވެސް މާލެއަކުން ގޮނޑުދޮށްތަކުގެ ހިތްހަމަޖެހުމެއް ނުލިބޭ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން އޭރު ހިތްހަމަޖައްސާލުމަށްޓަކައި ދާން ބޭނުންކުރީ، ކުނޑަބަނޑޮސް ކަމަށެވެ.
ނަމަވެސް، ހަމަޖެހުން ހޯދުމަށްޓަކައި މާލޭގެ ރައްޔިތުން ބޭނުންކުރަމުން އައި ކުޑަބަނޑޮސް، އޭރު އޮތް ސަރުކާރުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން އަތުލައިގެންފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންނަށް އެ ރަށަށް ނުދެވޭގޮތް ހެދުމުގެ ސަބަބުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެކަން ވަރަށް ބޮޑު ކަންބޮޑު ވުމަކަށް ވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަގިރި ހިއްކައި ތަރައްގީ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނަސް ދިނުން ކަމަށެވެ.
"އަދިވެސް މި ކުޑަގިރީގައި ރައްޔިތުން ބޭނުންވާ ވަރަށްގިނަ ވަސީލަތްތައް އިތުރުކުރަންޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑުގެ އުންމީދަކީ، މިހާތަނަށް މި ކުރެވިފައި ހުރި މަސައްކަތުން، މި ރަށަށް ދަތުރު އަންނަ ރައްޔިތުންނަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޑަގިރި އައިލެންޑް ތަރައްގީކުރުމުގައި ޕްލޭނިންގް މިނިސްޓްރީއާއި، އެޗްޑީސީއާއި، އެމްޓީސީސީ އާއި، ސްޓެލްކޯ، ފެނަކަ، ވެމްކޯ، އެމްޑަބްލިޔުއެސްސީގެ އިތުރުން މަސީއާއި، އަދިވެސް ބައެއް އަމިއްލަ ފަރާތްތަން ދިން އެއްބާރުލުމާ ކުރި މަސައްކަތް ކޮށް ޝުކުރު ދެންނެވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި، ވަރުބަލިކަމެއް ނެތި، ކޮންމެ ދުވަހަކު ވަރަށް ގާތުން އެ މަސައްކަތް ބެއްލެވި އެއް ބޭފުޅަކީ ނައިބު ރައީސް ފައިޞަލް ނަސީމް ކަމަށެވެ. އެ ކަމަށްޓަކައި އެމަނިކުފާނަށް ވެސް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. ރައީސް ވިދާޅުވީ އެންމެފަހު ދުވަހާ ހިސާބަށް ވެސް ނައިބު ރައީސް ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ކުޑަގިރި -- ފޮޓޯ/ އެޗްޑީސީ
އެމަނިކުފާނު ވިދާޅުވީ އެ ރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކަކަށް އިޙްތިރާމްކޮށް، މި ރަށަކީ އެންމެންނަށް ހިތްފަސޭހަކަމާ އެކީގައި، ހަމަޖެހިގެން ޗުއްޓީ ހޭދަކޮށްލެވޭ ރަށެއްގެ ގޮތުގައި ބެލެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެ ރަށުގެ ސެކިއުރިޓީއާއި، ސާފުތާހިރުކަން ބެލެހެއްޓުމަށް ސްޓާފުންތަކެއް އެޗްޑީސީ އިން އައްޔަނު ކުރި ނަމަވެސް، ރަށް ސާފުތާހިރުކޮށް، އަމާންކަމާއެކީގައި ދެމިއޮންނާނީ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެސް، އަމިއްލަ ހައިސިއްޔަތުން މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ރަށަށް މީހުން ޒިޔާރަތް ކުރަން ފެށުމުން، ލިބޭ ފީޑްބެކްއާ އެކީގައި، ކުރެވޭ ތަޖުރިބާތަކާ އެކީގައި، ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދިޔުމަށް އެޗްޑީސީއަށް ދަންނަވާފައެވެ.
"އަޅުގަނޑަށް ހަމަ ޔަގީން، މި ރަށަށް އައިސް އުޅެން ފެށުމުން، އަދިވެސް މިއަށްވުރެ ރަނގަޅަށް މި ޚިދުމަތްތައް ހޯދަން ބޭނުންވާ ފަރާތްތަކާއި، ގެންނަންޖެހޭ ބަދަލުތައް އެކްސްޕީރިއަންސް ކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ކުޑަގިރި ހުޅުވިގެން ގޮސްފައި ވަނީ ޒަމާނީ ފެސިލިޓީތަކަކާ އެކުގައި ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ކުޑަގިރި ހުޅުވަން ތައްޔާރުވަމުން އައިއިރު ތަފާތު އެތައް މެސެޖްތަކެއް ލިބުނު ކަމަށެވެ. އެގޮތުން އައި އެންމެ ބޮޑު އެއް ސުވާލަކީ މުޅި ރަށް، "ނޯ ސްމޯކިން" ރަށަކަށް ނުހެދީ ކީއްވެގެންތޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ދެ ސްޕޮޓެއް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވެފައެވެ.
"އެހެން ނޫނީވިއްޔާ، މުޅި ރަށަކީ ދުންފަތުގެ އިސްތިޢުލާމު ކުރުން މުޅިން މަނާ ރަށެއް،" ރައީސް ވިދާޅުވިއެވެ.
ކުޑަގިރި ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުއެވެ. އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.