12 Feb 2023, 09:44
ހިންދީ ސިނަމާއަށް ރީތި ފިލްމުތައް ގެނެސްދެމުން އަންނަ ކާމިޔާބު ކުންފުނި ޔާޝް ރާޖްއިން ލޯންޗުކުރި ތިން ތަރިއަކާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން އެ ކުންފުނިން ނިންމައިފިއެވެ.
އެއީ ދާދި ފަހުން ފިލްމީ މައިދާނަށް ނުކުތް ބަތަލާ އަދި ރީތީގެ ރާނީ މަނޫޝީ ޗިލާއާއި ވިޝާލް ޖެތުވާ އަދި އާންޔާ ސިންގްއެވެ. މި ތިން ތަރިންނަކީވެސް ވައި.އާރް.އެފްއިން ބޮލީވުޑަށް ލޯންޗުކުރި ތިން ފަންނާނުންނެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވަނީ، ވައި.އާރް.އެފްއިން މަސައްކަތްކުރަމުންދަނީ ކުރިއަށްހުރި މަސްތަކުގައި މުޅީން އާ ތަރިންތަކެއް އެކުންފުންޏަށް ގެނައުމަށެވެ. ޚަބަރު ލިބޭގޮތުގައި މިއަހަރާއި ކުރިއަށްއޮތް އަހަރުތަކުގައި އެކުންފުނިން ތައާރަފްކުރާނެ އާ މޫނުތައް ނުވަތަ ތަރިންތަކާބެހޭ މައުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރާނެއެވެ.
ޔާޝްރާޖް ފިލްމް ކުންފުނިން މި ތަރިންނާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމާފައިވާއިރު މީގެކުރިން މިކުންފުންޏާއެކު މަސައްކަތްކުރަމުންއައި ގިނަ ތަރިންތަކެއް ވެސް ވަނީ ޔާޝް ރާޖް ކުންފުނި ދޫކޮށްލާފައެވެ. އޭގެ ތެރޭގައި މިވަގުތު ހިންދީ ސިނަމާގެ އެންމެ ނަން ހިނގާ އެކްޓަރު ރަންވީރް ސިންގް އާއި ބަތަލާ ޕަރިނީތީ ޗޯޕްރާ ހިމެނެއެވެ. މި ދެ ތަރިންގެ ތެރެއިން އެކްޓަރު ރަންވީރް ސިންގް ދާދިފަހުންވަނީ ދަރްމާ ކުންފުންޏާ ގުޅިފައެވެ.
ބަތަލާ މަނޫޝީ ޗިލާއަށް 2017ވަނަ އަހަރު ދުނިޔޭގެ ރީތިގެ ތާޖު ލިބުމާއެކު އޭނާ ފިލްމީ ދާއިރާއަށް ނެރެދިނުމުގައި އެންމެ މުހިއްމު ދައުރެއް ކުޅެފައިވަނީ ޔާޝް ރާޖް ކުންފުނިންނެވެ. އަކްޝޭ ކުމާރްއާއެކު ފެނިގެންދިޔަ ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް"އަށްފަހު ބެލުންތެރިންގެ ފަރާތުން އޭނާއަށް ބޮޑު ތަރުޙީބެއް ލިބުނެވެ.
ހަމައެއާއެކު ފިލްމު "މަރްދާނީ"އިން ވިޝާލް ޖޭތުވާ ވެސް ވަނީ ބެލުންތެރިންގެ ލޯބި ހޯދާފައެވެ. މި ދެތަރިންނާއެކު ބަތަލާ އާންޔާ ސިންގް ފެނުނީ 2017ވަނަ އަހަރު ރިލީޒްވި ފިލްމު "ޤައިދީ ބޭންޑް"އިންނެވެ. މިތަރިން ކުރިއަށްއޮތްތަނުގައި ގުޅޭނީ ކޮން ފިލްމު ކުންފުންޏަކާކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.