ރިސޯޓް ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާ ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމައް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމްމަނިކް އާ ދެމެދު ވިޔަފާރީގެ މައްސަލަތަކެއް ޖެހިގެން، ޖުސެއްޕޭގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްގައެވެ.

މި ވަގުތީ އަމުރު ނެރެދިނުމަށް ޖުސެއްޕޭ ސިވިލް ކޯޓުގައި އެދިފައިވަނީ، ށ. ކަނބާލިފަރު ކުންފުނީގެ ޕަވާ އޮފް އެޓާނީ ސަރަނގު އާދަމް މަނިކަށް ދީފައި ވަނިކޮށް ޖުސެއްޕޭގެ ހުއްދަ ނެތި، އެ ޕަވާ އޮފް އެޓާނީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން އޭނާ އެރަށުގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏަކަށް ބަދަލު ކޮށްފައިވާކަމަށް ބުނެއެވެ.

އެ އަމުރުގައި އެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް އެދި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުންވަނީ އަމުރު ކޮށްފައެވެ.

އެ އަމުރުގައި ބުނެފައިވަނީ ޖުޒެއްޕެގެ ފަރާތުން ނެރެދިނުމަށް އެފިދައިވާ ވަގުތީ އަމުރުގައި ކަނބާލިފަރުގެ ސްޓްރަކްޗާ އަށް ބަދަލު ގެނައުން ހުއްޓުވުމަށްއެދިފައި ވާތީ، އެއީ މާލީ ގޮތުން ވަޒަން ކުރެވިދާނެ ގެއްލުންތަކެއް ކަމަށެވެ. އަދި އެއީ ބަދަލު ދެވިދާނެ ގެއްލުންތަކެއް ކަމުގައި ދެކޭތީ، އެކަމަށް ވަގުތީ އަމުރެއް ނެރެންޖެހޭ ކަމަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ކަނބާލިފަރުގެ މިލްކުވެރިކަން ތިންވަނަ ފަރާތަކަށް ނަގުލުވެއްޖެނަމަ އެއީ އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ކަމަށް ދެކޭތީ އެދިފައިވާ ފަދައިން މިލްކުވެރިކަން ނަގުލުނުކުރެވޭނެ ފަދަ ވަގުތީ އަމުރު ނެރެން ޖެހޭ ކަމަށް ވަގުތީ އަމުރުގައިވެއެވެ.

ށ. ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނުކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.