11 Feb 2023, 10:47
މިއަހަރުގެ މެއި މަހުގެ 12ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "މައިދާން" ރިލީޒްކުރުން މިއަހަރުގެ ޖޫން މަހަށް ފަސްކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އަޖޭ ދޭވްގަން މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމު ރިލީޒްކުރުން ފަސްކުރެވިފައިވާއިރު އެކްޓަރުގެ އިތުރު ފިލްމެއްވެސް ވަރަށް ކައިރި ކައިރީގައި ރިލީޒްކުރުމަށްވަނީ ނިންމާފައެވެ. އެއީ ބަތަލާ ތައްބޫއާއެކު ފެނިގެންދާ ފިލްމު "ބޯލާ"އެވެ. ދާދިފަހުން ރިލީޒްވި އަޖޭގެ ފިލްމު "ދްރިޝްޔަމް"ގެ ފަހުބައިގެ ކާމިޔާބީއަށްފަހު ބެލުންތެރިން އަންނަނީ އެކްޓަރުގެ މިފިލްމުތައް ރިލީޒްކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. އަމިތް ޝަރްމާ ޑައިރެކްޓްކުރާ މިފިލްމު ރިލީޒްކުރުން ފަސްކުރެވުނު ޚަބަރަކީ އަޖޭގެ ފޭނުން ވަރަށްބޮޑަށްވެސް މާޔޫސްކުރުވާނެ ޚަބަރެކެވެ.
ހިންދީ ސިނަމާގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާ ނޫހަށް ފިލްމާ ގުޅުންހުރި ފަރާތަކުން މަޢުލޫމާތު ދީފައިވާގޮތުގައި ފިލްމު ރިލީޒްކުރުން ލަސްކުރެވިފައިވަނީ، ވީހާވެސް ފުރިހަމައަށް ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމުގެ ނިޔަތުގައެވެ.
"މައިދާން" ޕްރޮޖެކްޓަކީ އެކްޓަރު އަޖޭއަށް ވަރަށް ޚާއްސަ ފިލްމެއްކަމުން ފިލްމު ރިލީޒްކުރުމަށް ބޭނުންވަނީ ފިލްމުގެ ހުރިހާކަމެއް ވަރަށް ފުރިހަމަކަމާއެކު ނިމުމުންކަމަށް އެފަރާތުން ބޮލީވުޑް ހަންގާމާއަށްވަނީ މަޢުލޫމާތު ދީފައެވެ. އަދި ޖޫންމަހު ފިލްމު ރިލީޒްކުރުމަށް ނިންމާނެ ތާރީޚަކީ އެންމެ ފަހު އަދި ފައިނަލް ތާރީޚުކަމަށްވެސް އެފަރާތުންވަނީ ބުނެފައެވެ.
ފިލްމު "މައިދާން"އަކީ، 1950ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ކޯޗެއްގެގޮތުގައި އަދި މެނޭޖަރެއްގެ މަޤާމުގައި މަސައްކަތްކުރި ސަޢީދު ޢަބްދުއްރަޙީމް ނަމަކަށްކިޔާ ޝަޚުޞިއްޔަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޒީ ސްޓޫޑިއޯއިން ޕްރޮޑިއުސްކުރާ މިފިލްމުގައި ބޮނީ ކަޕޫރުވެސް ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާނެއެވެ. އަދި މިއީ ޕްރޮޑިއުސަރު ބޮނީ ކަޕޫރު ފެންނާނެ ފުރަތަމަ ހިންދީ ފިލްމުވެސްމެއެވެ.