11 Feb 2023, 10:02
ފިލްމު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އާނަންދު ތިވާރީގެ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމު ރިލީޒްކުރުން ފަސްކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވިކީ ކޯޝަލް، އެމީ ވާކް އަދި އަރަމުން އަންނަ ބަތަލާ ތްރިޕްތީ ދިމްރީ މުހިއްމު ރޯލްއިން ފެންނަ މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ 25ވަނަ ދުވަހުއެވެ. މިފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 28ގައެވެ.
ކަރަން ޖޯހަރުގެ ދަރްމާ ކުންފުންޏާ ގުޅިގެން އުފައްދާ މިފިލްމު ބެލުންތެރިންނަށް ހުށަހަޅައިދޭނީ އެމޭޒަން ޕްރައިމް ވީޑިއޯއިންނެވެ. މީޑީއާތަކުން ބުނެފައިވަގޮތުގައި މިފިލްމު ރިލީޒްކުރުން ލަސްކުރުމަށް ނިންމާފައިވަނީ ދަރްމާއިން ކަރަން ޖޯހަރު ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރުން ޖުލައި މަހަށް ތާވަލުކުރުމާ ގުޅިގެންނެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިވަގުތަށް ޔަޤީންކޮށްދީފައިވާގޮތުގައި ފިލްމު ރިލީޒްކުރަން ނިންމަނީ ސޯލޯ ފިލްމެއްގެގޮތުގައެވެ. ފިލްމަށް ވަކި ނަމެއް ހަމަޖެހިފައިނުވާއިރު މިއީ ލޯބީގެ ކޮމެޑީ ފިލްމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފިލްމު އިޢުލާނުކުރަމުން ކަރަން ޖޯހަރު ބުނެފައިވަނީ، މިހާތަނަށް އެމޭޒަން ޕްރައިމް ވީޑިއޯއާ ގުޅިގެން ވަރަށް ކާމިޔާބު ފިލްމުތަކެއް ޕްރިމިއާކުރެވިފައިވާނެކަމަށެވެ. އެހެންކަމުން ތިއޭޓަރުގައި މިފިލްމު ރިލީޒްކުރުމަށްފަހު ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި އެމޭޒަން ޕްރައިމްއަށް ދޫކޮށްލާނެކަމަށް ދަރްމާގެ އިސްވެރިޔާ ކަރަންވަނީ ބުނެފައެވެ. މިފިލްމު ގެނެސްދޭ އާނަންދު ތިވާރީއަކީ، "ލަވް ޕާ ސްކެއަ ފޫޓް"، "މަޖާ މާ" އަދި "ބަންދިޝް ބަންޑިތްސް"ފަދަ ފިލްމުތައް އުފެއްދުމުގައި މުހިއްމު ރޯލެއް ކުޅުނު ޕްރޮޑިއުސަރެކެވެ.
ބަތަލާ ދްރިޕްތީގެ ދާދި ފަހުން ރިލީޒްވި ފިލްމު "ޤާލާ"ގައި ބަތަލާ ދެއްކި އެކްޓިން ހުނަރަށް ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާއިރު، މިއަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "އެނިމަލް"އިންވެސް ދްރިޕްތީ ފެންނާނެއެވެ. ވިކީ ކޯޝަލްގެ މިފިލްމުގެ އިތުރުން، އިތުރު ފަސް ފިލްމެއްގައި އެކްޓަރު އަންނަނީ މަސައްކަތްކުރަމުންނެވެ.