10 Feb 2023, 23:34
މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައަށް އަރައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީއިން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 220,574 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 31.1 ޕަސެންޓު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 168,239 ފަތުރުވެރިންނެވެ.
މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ އާއި އިންޑިއާ އާއި އިޓަލީއިންނެވެ. އެ ތިން ގައުމުން ވެސް 20،000އަށް ވުރެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ.
ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.70 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.
މިދިޔަ ހޯމަ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، މިއަހަރަށް ސަރުކާރުގެ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.