ހއ. ހޯރަފުށީ މީހަކު މަގުބޫލު އުޒުރެއްނެތި މިދިޔަ ރޯދަމަހު މަހު ރޯދަ ވީއްލި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލައެއްގައި އެމީހާގެ ދެ ދައްތަ ދޮގުހެކި ދީފައިވާކަން ޝަރީއަތަށް ސާބިތުވާތީ އެ ދެމީހުން ޖޫރިމަނާކޮށް އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނަނީ މިދިޔަ ރޯދަ މަހުގެ 16 ވަނަ ދުވަހު ހއ. ހޯރަފުށީ، ޒިކުރާ، އިލްޔާސް މުހައްމަދު ފަރުލު ރޯދަ މަގުބޫލު އުޒުރެއްނެތި ދޫކޮށްލި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލަ ތަހުގީގު ކުރުމަށް އިލްޔާސް ބަންދުކޮށްފައި ވަނިކޮށް، އޭނާ ބަންދުގައި ހުރި ދުވަހަކު އޭނާ ޑޮކްޓަރަށް ދެއްކި ކަމަށް ހަދައި އޭނާގެ ދެ ދައްތަ ފުލުހުންނަށް ދޮގު ހެކި ދީފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ މިދިޔަ ރޯދަ މަހުގެ 16 ވަނަ ދުވަހު އިލްޔާސް ހައްޔަރުކޮށްފައި ހުއްޓާ ހަމަ އެދުވަހު އޭނާ ޑޮކްޓަރަށް ދެއްކިކަމަށް ހަދައި އެ ދުވަހުގެ ތާރީޚުގައި މެޑިކަލް ސެޓްފިކެޓެއް ހޯދައި، އެ މެޑިކަލް ސެޓްފިކެޓް ފުލުސް އޮފީހަށް ހުށަހަޅައި އެ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާކަން ދެ ދައްތަ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން ދޮގު ހެކިދިނުމުގެ ކުށް ޝާހިދާއާއި ޝަހީރާގެ މައްޗަށް ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެގޮތުން ޤާނޫނުލް އުގޫބާތުގެ 62 ވަނަ މާއްދާއާއި ހަވާލާދީ، އެގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ދެ ދައްތަ ކޮންމެ މީހަކު 1000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް އެ ދެމީހުންގެ މައްޗަށް ވަނީ ހުކުމް ކުރާ ކަމަށެވެ.