10 Feb 2023, 19:18
މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ ރާއްޖޭގައި އަށް ދުވަސް ތެރޭ ހުޅުމާލެއިން އީކުއޭޓާއަށް ހަމައެކަނި ފަލި ޖަހައިގެން ދަތުރެއް ފަށަން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ޑެމިއަން ކުރަން ތައްޔާރުވަމުން އަންނަ މި ކަމަކީ މީގެ ކުރިން އެއްވެސް މީހަކު ކުރި ކަމެއް ނޫނެވެ. ވޯލްޑް ރެކޯޑަކަށް އޭނާ މި ޗެލެންޖު ފަށާނީ މި މަހު 17ވަނަ ދުވަހެވެ. ނިންމާލާނީ 24ވަނަ ދުވަހެވެ. ނިމޭއިރު ހުންނާނީ ޒީރޯ ޑިގްރީގައެވެ. އެއީ އީކުއޭޓަރެވެ.
މި ޗެލެންޖާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަމުން ޑެމިއަން ބުނީ މި ކަމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަމަަށެވެ. އަދި މި ކަމަކީ ރާއްޖޭގެ ފިނި ހޫނުމިނާއި އިކިއުޓޯރިއަލް ކްލައިމެޓެއްގައި އަލަަށް ކުރާ ކަމަކަށްވުމުން ގިނަ ގޮންޖެހުންތަކެއް ހުންނާނެކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ އަޅުގަނޑަަށް 'ސުޕާ ޓަފް' ކަމަކަށްވާނެ. ހޫނާއި، ކަނޑުގެ އޮޔާއި، ރާޅާއި، ވައި ޖެހޭ ގޮތާ މި ކަންކަން ހުންނާނެ ޗެލެންޖުގެ ގޮތުގައި. ދުވާލަކު 12 ގަޑިއިރު މެދުކެނޑުމެއް ނެތި ކަނޑުގައި ދަތުރުކުރާނަން. ހުއްޓާނީ ހަމައެކަނި ކައި ބޮއި، އަރާމުކޮށްލާ ވަގުތަށް އެކަނި،" އޭނާ ބުންޏެވެ.
ޑެމިއަން ބުނި ގޮތުގައި އޭނާ މި ދަތުރުގައި ބޭނުންކުރާނީ ސީދާ މި ކަމަކަށް ޚާއްސަކޮށްގެން ތައިލޭންޑުގައި ތައްޔާރުކޮށްގެން ރާއްޖެ ގެނެސްފައިވާ ޕެޑަލް ބޯޑެކެވެ.
މި ދަތުރުގައި އޭނާ އަށް އަތޮޅެއް ހުރަސް ކުރާނެއެވެ. އަދި ހަތް ރަށަކަށް މަޑުކުރާނެއެވެ. އޭނާ މަޑުކުރާނެ ރަށްތަކަކީ:
ކ. މާފުށި
- ވ. ރަކީދޫ
- މ. ކޮޅުފުށި
- ތ. ގުރައިދޫ
- ލ. ފޮނަދޫ
- މާނަގާލާ
- ގދ. ވާދޫ
ދަތުރުކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި އޭނާގެ ދަތުރާ ގުޅުންހުރި މަންޒަރާއި މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ލައިވް ޓްރެކިން ވެބްސައިޓުން ދަތުރުގެ މަގު ފެންނާނެއެވެ. ހަމައެއާއެކު ހުއްޓާ ރަށްރަށުގައި މަންޒަރުތައް ލައިވް ސްޓްރީމް ކުރާނެއެވެ. މި ދަތުރުގެ ޑޮކިއުމަންޓްރީ 54 ގައުމަކަށް ފެންނާނެއެވެ.
އެ ދަތުރު ސްޕޮންސާ ކުރާ ފަރާތްތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެއެވެ.

މަޝްހޫރު އެކްސްޓްރީމް ސްޕޯޓްސް އެތުލީޓް ޑެމިއަން ރައިޑާ. އޭނާވަނީ 15 ވޯލްޑް ރިކޯޑު ހާސިލްކޮށްފައި --
ޑެމިއަން ރައިޑާއަކީ 15 ވޯލްޑް ރެކޯޑެއް ހާސިލްކޮށްފައިވާ އެކްސްޓްރީމް ސްޕޯޓާއި އެޑްވެންޗާ އެތުލީޓެކެވެ. ފޮތް ލިޔުންތެރިއެއްގެ އިތުރުންނާއި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަަކޮށްލެވޭ މޯޓިވޭޝަނަލް ސްޕީކާއެއްގެ ގޮތުގައި ވެސް ޑެމިއަންއަކީ މަޝްހޫރު މީހެކެވެ.
އޭނާ އެންމެ ބޮޑަށް ފާހަގަވީ ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން މަސައްކަތްތަކުންނާއި ޓެޑް ޓޯކްސް އޭޝިއާ ޕެސިފިކް އަދި ޔުނައިޓެޑް ސްޓޭޓްސްގެ ވާހަކަދެއްކުންތެރިއެއްގެ ގޮތުގައެވެ.
ރާއްޖޭގައި 480 ކިލޯމީޓަރުގެ ދަތުރެއް ހަތް ދުވަސްތެރޭ ފަލި ޖަހައިގެން ކުރަން ތައްޔާރުވަމުން އަންނައިރު މީގެ ކުރިން އޭނާވަނީ އޮސްޓްރޭލިއާގައި މިޔަރު ގިނަ ކަނޑުގެ ސަރަހައްދެއްގައި 800 ކިލޯމީޓަރުގެ ދިގު ދަތުރެއް 17 ދުވަހުން ކޮށްފައެވެ.