11 Feb 2023, 13:40
ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގައި ކ. އަތޮޅުގެ ދެވަނަ ބުރުގެ މެޗު ތަކުގައި ދިއްފުށިން ބޮޑު ތަފާތަކުން ތުލުސްދޫ ބަލިކުރި ހަނި ގޮތަށް ގާފަރުން ގުރައިދޫ ބަލިކޮށްފިއެވެ.
އިއްޔެ ހަވީރު ހުޅުމާލެ ރެހެނދި ދަނޑުގައި ދިއްފުއްޓާއި ތުލުސްދޫ ބައްދަލުކުރި ކ. އަތޮޅު ގްރޫޕް އެކެއްގެ މެޗު ނިމުނީ 6-1 ގެ ނަތީޖާއަކުން ތުލުސްދޫ ކާމިޔާބުކޮށްގެންނެވެ. އެ މެޗުގައި ދިއްފުށީގެ ގޯލުތައް ޖެހީ ޒައިން ޒަފަރު، އަހުމަދު މާޒިން، ރިލްވާން ރަޝީދުގެ އިތުރުން ޝައިހާން ފާއިޒްއެވެ. މާޒިން އާއި ރިލްވާން ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އަދި އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިންއެވެ.
އެ ގްރޫޕްގައި ދިއްފުއްޓާއި ތުލުސްދޫގެ އިތުރުން ދެން ހިމެނެނީ ގުރައިދޫއާއި ގާފަރެވެ. އެ ގްރޫޕްގައި ދިއްފުށި ފުރަތަމަ ކުޅެފައިވަނީ ގުރައިދޫއާ ދެކޮޅަށެވެ. އެ މެޗު ދިއްފުށިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
އިއްޔެ ހަވީރު ކުޅުނު ކ. އަތޮޅުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގާފަރާއި ގުރައިދޫއެވެ. އެ މެޗު 2-1 ގެ ހަނި ނަތީޖާއަކުން ކާމިޔާބުކުރީ ގާފަރުންނެވެ. އެ މެޗުގައި ގާފަރުގެ ދެ ގޯލު ޖެހީ އަލީ މާއިސްއާއި އިބްރާހިމް ރިމާހުއެވެ. އަދި ގުރައިދޫގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު މުސަފް އިބްރާހީމްއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގާފަރުގެ މާއިސްއެވެ.

ދިއްފުއްޓާއި ތުލުސްދޫ ބައްދަލުކުރި މެޗުގެ ތެރެއިން ---- ފޮޓޯ / ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
ގާފަރު މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނީ ތުލުސްދޫއާ ދެކޮޅަށެވެ. މިދިޔަ ބުދަ ދުވަހު ކުޅުނު އެ މެޗު 8-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގާފަރުންނެވެ. ގާފަރަކީ އެންމެފަހުގެ ރަނަރަޕްގެ އިތުރުން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުމުގެ ގޮތުން ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅެ، ޝީލްޑް މެޗުވެސް ކާމިޔާބުކުރި ޓީމެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބާރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.