ޗައިނާގެ ގަދީމީ ބޭސްވެރިކަމުގެ ތެރޭގައި ހިމެނޭ އެކިޔުޕަންކްޗަރ ނުވަތަ ކަށިހަރައިގެން ފަރުވާ ދިނުމަކީ މައިގްރޭނުގެ އުނދަގޫ ހުންނަ ފަރާތްތަކަށް ވަރަށް ރަނގަޅު ފަރުވާއެއް ކަމުގައި އިނގިރޭސިވިލާތުގެ ސައިންވެރީންތަކެއް ހާމަކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ މި ސައިންސްވެރީން ހާމަކުރާ ގޮތުގައި އެކިޔުޕަންކްޗަރގެ ފަރުވާ ދިނުމުން ދިގުލައި ބޮލުގައި ރިއްސާ މީހުންނަށާއި މައިގްރޭނުގެ އުނދަގޫ އިހްސާސްކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެކިޔުޕަންކްޗަރގެ ފަރުވާ ހޯދުމުން ބޮލުގައި ރިއްސުމުގެ މައްސަލަ ހުރި މީހުންގެ ތެރެއިން 34 ޕަސެންޓް މީހުންނަށް ދާއިމީ ހައްލެއް ލިބުނެވެ. މިއާ ހިލާފަށް، ބޭސް ކައިގެން ބަލި ފަސޭހަވީ އެންމެ 16 ޕަސެންޓް މީހުންނެވެ.

މިހާރު ހުޅަނގުގެ ސައިންސްވެރީން ދަނީ އެކިޔުޕަންކްޗަރގެ ހަގީގަތްތައް ހޯދުމަށް އިތުރަށް ދިރާސާކުރަން ފަށައިފައެވެ. ހާވަރޑް މެޑިކަލް ސްކޫލުގެ ރޭޑިޔޮލޮޖިސްޓެއް ކަމުގައިވާ ބްރޫސް ރޯސެން ވިދާޅުވި ގޮތުގައި އެކިޔުޕަންކްޗަރގެ ފަރުވާ ދިނުމުން ބައެއް ހޮޅިތަކުން ސިކުނޑިއަށް ފޮނުވާ ލޭގެ މިންވަރު ދަށްކޮށްލައެވެ. އަދި ހަމަ އެހެންމެ ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ވެސް ދަށްކޮށްލައެވެ. މީގެ ސަބަބުން ތަދުގެ އިހްސާސް ކެނޑިގެންދަނީއެވެ.

އެކިޔުޕަންކްޗަރގައި ކަށި ހަރަނީ ހަށިގަނޑުގެ ފާހަގަކުރެވިފައިވާ ތަންތަނަށެވެ. ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ކަށި ހަރަނީ ތަފާތު ތަންތަނަށެވެ. މި ޕޮއިންޓްތައް ގަދީމީ ޗައިނާގެ ބޭސްވެރިން ހޯދި ގޮތަކީ އަޖައިބުވާ ވަރު ކަމެއް ކަމަށް އެމެރިކާގެ ނިއުރޮލޮޖިސްޓަކު ވެސް ވަނީ ވިދާޅުވެފައެވެ.