ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގައި ލ. އަތޮޅުގެ ފުރަތަމަ ބުރުގައި ގަމުން މާމެންދޫ ބަލިކުރިއިރު ކަލައިދޫ އަތުން މާބައިދޫ މޮޅުވެއްޖެއެވެ.

ރޭ ހުޅުމާލޭ ރެހެނދި ޓާފު ދަނޑުގައި ގަމާއި މާމެންދޫ ބައްދަލުކުރި މެޗު ގަމުން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ގަމުގެ ދެ ލަނޑު ޖެހީ އަބްދުﷲ ޖުނައިދުގެ އިތުރުން ހަސަން ނާޝިދުއެވެ. އަދި މާމެންދޫގެ ހަަމައެކަނި ގޯލު ޖެހީ ހުސައިން އަޒުމަތުއެވެ.

އެ ގްރޫޕްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ކަލައިދޫ އާއި މާބައިދޫއެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާބައިދޫއިންނެވެ. މާބައިދޫގެ ގޯލުތައް އަހުމަދު ފައިޒަމްއާއި އަހުމަދު ތޯހާ ޖެހިއިރު ކަލައިދޫގެ ގޯލު ޖެހީ މުހައްމަދު ފައިޒަމްއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ގަން އަދި މާމެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބާރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.