ނަފުސުގެ މުއްސަނދިކަމާއި ނަފުސުގެ ފުދުންތެރިކަން ހާސިލު ވާނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ތަބީއީގޮތުން އިންސާނާ މުދާދެކެ ލޯބިވެ، ދުނިޔެވީ ސާމާނު ގިނަކުރަން އެދޭ ނަމަވެސް އިންސާނާގެ ތަބީއަތުގައިވާ އެ ޣަރީޒާގެ ސަބަބުން މީހުން ހަައްގުގެ މަގުން ކައްސާލައިގެންދާ ކަމަށެވެ.

"އިސްލާމީ ޝަރީއަތް އައިސްފައިވަނީ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރާނެ ގޮތް އިންސާނާއަށް ބަޔާން ކޮށްދިނުމަށް. އެހެންވެ، އިންްސާނާ އެންމެ ކަންބޮޑުވާ ކަމަކީ ދުނިޔެ ހޯދުން ކަމުގައި ހަދައި އާޚިރަތް ނަގައިނުލުމަށް އިސްލާމްދީން ގޮވާލާ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މުދަލާއި ފައިސާ ހޯދައިގެން މުއްސަނދިވާން މަސައްކަތްކުރާ މީހުންގެ މައިގަނޑު ބޭނުމަކީ އެހެން މީހުންނާ ނުލައި ފަރުޖައްސާލުން ކަމަށެވެ. އަދި އަޅުވެތިކަމަކީ ނިކަމެތިކަމަކަށް ވާތީ އެކަމުން ސަލަމާތްވުމަށް ކަމަށެވެ.

"ނަމަވެސް އެކަން ހާސިލުވާ ހަމަ އެކަކުވެސް ވާތަނެއް ނުފެނޭ. މަތީ މަގާމުތަކާއި ގިނަ އާމްދަނީ އާއި ބޮޑެތި މުސާރަ ލިބޭ މީހުން ވެސް އެހެން މީހުންނަށް ބޭނުން ޖެހިފައިވާތަން ފެނޭ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މުއްސަނދިކަމަކީ އިންސާނާ އިއްޒަތްތެރި ކުރުވާނެ މުއްސަނދިކަމެއް ކަމަށާއި ނަމަވެސް އެއީ ހަގީގީ މުއްސަނދިކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެެވެ.

ހަގީގީ މުއްސަނދިކަމަކީ މުދަލާއި ފައިސާ ގިނަވުން ނޫން ކަމަށާއި ހަގީގީ މުއްސަނދިކަމަކީ ނަފުސުގެ މުއްސަނދިކަން ކަމަށް ޚުތުބާގައި ބުންޏެވެ.

އެކަން އެހެން އޮތުމުން އިންސާނާ އަމާޒުހިފަންވީ މިސްރާބު އެނގޭ ކަމަށާއި ނަފުސުގެ މުއްސަނދިކަމާއި ނަފުސުގެ ފުދުންތެރިކަން ހާސިލުވާނީ ދުނިޔެއަށް ދަހިވެތިވުން މެދުމިންގަނޑެއްގައި ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މުއްސަނދިކަމުގެ ހަގީގަތަކީ ލިބިފައިވާ މިންވަރެއްގެ މައްޗަށް ފުދުންތެރިވުމެވެ. އޭރުން އިންސާނާއަށް ބާއްޖަވެރިކަން ލިބި، ހިތްހަމަޖެހިގެން އުޅެވޭނެކަމަށް ޚުތުބާގައި ބުންޏެވެ.

ފައިދާހުރި، ތާރީފު ލިބެނިވި މުއްސަނދިކަމަކީ ނަފުސުގެ ފުދުންތެރިކަން ކަމަށާއި ނަފުސު ފުދުންތެރިވެއްޖެ މީހާގެ އެދުންތައް މަދުވެ އޭނާގެ އިއްޒަތާއި ޖާހު އުފުލޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މއަދުގެ ހުކުރު ޚުތުބާގައި ބުނީ މުސްލިމުން ތަބާވާން ޖެހޭނީ އެ އުސޫލާއި މަންހަޖަށް ކަމަށެވެ. އެއީ ޝަރުއީ މިންގަނޑު ކަމަށާއި އެ މަންހަޖަށް ތަބާވާ މީހާ ރިޒްގު ހޯދުމުގައި ހީވާގިވުމާއެކު ޝަރުއީ ވާޖިބުތައް އަދާކުރާނެ ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.