ތުރުކީއަށް އައި ބިންހެލުމުގެ ހާލަތު ދެނެގަތުމަށާއި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ރޭ ތުރުކީއަށް ފުރައިފިއެވެ.

ފުރުމުގެ ކުރިން އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރި ޓިކްޓޮކެއްގައި ވިދާޅުވީ ތުރުކީގެ އެންމެ ފަހުގެ ހާލަތު ބެލުމަށާއި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީތެރިވުމަށް އެ ގައުމަށް ފުރާ ކަމަށެވެ.

ބޭނުމަކީ ކިތަންމެ ކުޑަ ނަމަވެސް އެހީއެއް އަޅުގަނޑުމެން ފަރާތުން ވެދެވެން އޮތް ނަމަ ދެވެން އޮތް ވަރަކަށް ދިނުން ކަމަށް އެ ވީޑިއޯގައި އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައި ވިޔަސް އަޅުގަނޑުމެންނަކީ ހާލުގަ ޖެހިފައި ތިބި ބަޔަކަށް އެހީތެރިވުމަށް އިސް ސަފުގަ ތިބޭ ބައެއް." ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއީސީ) އާއެކު ކުރާ މި ދަތުރުގައި ތުރުކީގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ.

"އިންޝާﷲ ދެން ދިމާވާނީ ތުރުކީއިން" ވީޑިއޯ ނިންމާލަމުން ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީގެ ހުޅަނގު ދެކުނަށް އައީ ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެކެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 4:17ގައެވެ.

ރުކީއާއި ސީރިއާއިން މިހާރު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދަކީ ފަރުބަދަތައް ވަރަށް ގިނަ އަދި ބިންހެލުންތައް ވަރަށް ގިނައިން އަންނަ ސަރަހައްދެކެވެ. ދޭތެރެއަކުން ކުދި ބިންހެލުންތައް އައިނަމަވެސް ފަހުގެ ތާރީޚެއްގައި އެސަރަހައްދަށް އެންމެ ބޮޑު ބިންހެލުމެއް އައިސްފައިވަނީ 1999 ވަނަ އަހަރެވެ. އެއަހަރު ރިކްޓާ މިންގަނޑުން 7.6ގެ ބާރުމިނުގައި އައި ބިންހެލުމުގައި 17,000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ޒަޚަމްވިއެވެ.