ބޮލީވުޑުގެ މަޝްހޫރު ތަރި ރިތިކް ރޯޝަންގެ ދިރިއުޅުން މިހާރު ހޭދަކުރަމުންދަނީ ގޭގައި ނޫންކަމަށް ބޮލީގުރާފުން ބުނެފިއެވެ. ބޮލީވުޑުގެ ހަބަރުތައް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރަމުންދާ ބޮލީގުރާފުން ހާމަކުރި ގޮތުގައި ރިތިކް މިހާރު ދިރިއުޅެމުން ގެންދަނީ ފަސް ތަރީގެ ހޮޓަލެއްގައެވެ. އޭނާގެ އަމިއްލަ ގޭގެ ބަދަލުގައި ފަސް ތަރީގެ ހޮޓަލަކަށް ދިރިއުޅުން ބަދަލުކުރުމާ މެދު ވަކި އެއްޗެއް މިހާތަނަކަށް އޭނާ ބުނެފައެއް ނުވެއެވެ.

ރިތިކްގެ ހަރަކާތްތަކަށް ފާރަވެރިވާ ބައެއް ނޫސްވެރިން ބުނާ ގޮތުގައި ރިތިކްގެ (ފޮޓޯގައި) ދިރިއުޅުމަށް ގެނައި މި ބަދަލަކީ މިހާރު އޭނާ ކުޅެމުންދާ ފިލްމަށް ވަގުތު ހޯދުމުގެ ގޮތުން ގެނައި ބަދަލެކެވެ. ރިތިކް ރޯޝަން މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ އޭނާގެ ބައްޕަ ރާކޭޝް ރޯޝަންގެ ފިލްމެއް ކަމުގައިވާ ކްރިޝް - 3 ގައެވެ. ކްރިޝް - 1 އާއި ކްރިޝް - 2 ގައި ވެސް ހަރަކާތްތެރިވި ރިތިކްގެ ދިރިއުޅުން ބަދަލުކޮށްފައިވަނީ ފިލްމުގެ ޝޫޓިންގ އޮންނަ ސަރަހައްދާ ވަރަށް ކައިރީގައި ހުރި ހޮޓަލެއްގައި ކަމަށް ހަބަރު ލިބެއެވެ. ބޮންބޭ ފަދަ މަގުމަތީގެ ކާރޫބާރޫ ބޮޑު ޝަހަރެއްގައި ކޮންމެ ދުވަހަކު ގެއަށްދާ ނަމަ މަދުވެގެން 1 ގަޑިއިރު ބޭކާރުވާކަމަށް މީގެ ކުރިން ރިތިކް ވަނީ ބުނެފައެވެ.

ރިތިކް މިހާރު މަސައްކަތްކުރަމުންދާ ފިލްމު ކްރިޝް - 3 ގައި އޭނާގެ އިތުރުން ހަރަކާތްތެރިވަނީ ވިވެކް އޮބްރޯއީ އާއި ކަންގަނާ ރަނައުތެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރާކޭޝް ރޯޝަނެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ދިވާލީގައި ކަމަށާއި މި ފިލްމަކީ ކުޑަކުދީންގެ ފިލްމެއް ނޫން ކަމަށް ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިތިކް ވަނީ ބުނެފައެވެ.