ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީގައި ޕައިލެޓް ކޯސް ހަދަމުން އަންނަ ދަރިވަރުންގެ މެޑިކަލް އާއި ވިސާއަށް ދާ ޚަރަދު ލޯނަށް އިތުރުކޮށް ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، ޗެކްރިޕަބްލިކްގެ ކޯހުގައި މީގެ ކުރިން ދަރިވަރުން ބައިވެރިވިއިރު އެ އެކަޑަމީން ދޫކޮށްފައިވާ ފީ ސްޓްރަކްޗާގައި ދަރިވަރުންނަށް ބޭނުންވާ މެޑިކަލް އާއި ވިސާގެ ޚަރަދު ހިމަނާފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނަށް އެ ޚަރަދު އިތުރުކުރުމަށްފަހު ލޯނުގެ އެގްރިމަންޓް އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

އެ މިނިސްޓްރީން ބުނީ ދަރިވަރުންނަށް މެޑިކަލް އާއި ވިސާ ފީ ދޫކުރެވޭނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓެއްގެ ދަށުން ކަމަށެވެ. އެ ޚަރަދު ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އެކެއްގެ ފަހުން ކޯސް ނިމިފައިވާ އަދި ކޯސް ނިންމުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށްކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މެޑިކަލް އާއި ވިސާ ޚަރަދަށް އެދި ފޯމު ހުށަހަޅާނީhttps://myedu.egov.mvޕޯޓަލް މެދުވެރިކޮށެވެ.