ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާއެކު، މުސްތަގިއްލު ބާރެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި އަދުލުއިންސާފު ގާއިމުކޮށްދިނުން ކަމަށާއި، އަނިޔާއިން އެއްކިބާވެ އަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ކަމަށެވެ.

އެ ޒިންމާ އަދާކުރެވޭނީ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ ފަނޑިޔާރުގޭގެ އެންމެ އިސް އަމާޒުކަމުގައި ހަދައިގެން ކަމަށާއި އެ އަމާޒު ހާސިލުކުރެވޭނީ، ފަނޑިޔާރުންގެ ހުކުމްތައް ބިނާކުރާ މަސްދަރަކީ، އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ކަމަށް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

"އެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ގާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު، މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް މި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

"ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް. ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ، އަދުލަށް ހުކުމް ކުރުމުން. އަދި އެ ހުކުމަކީ، ކަމުގެ މުއާލާތް ނުކެނޑެނީސް، ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން ކަމަށެވެ. އެ ޝަކުވާއަށް ހޯދައިދެވުނު އެއް ހައްލަކީ، އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ގާއިމްކޮށް ނިންމުން ކަމަށާއި، މި ބަދަލުގެ ސަބަބުން، ދަތުރު ހަދައިގެން ކޯޓަށް ހާޒިރުވުމަށް ރައްޔިތުން އުފުލަމުން އައި ތަކުލީފުތަކާއި ކުރަންޖެހޭ އެތައް ޚަރަދަކުން ސަލާމަތްވިކަމަށް ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ކޯޓުތަކުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށް 2020 ވަނަ އަހަރު ފެށި މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަސައްކަތަށް ޖުމްލަ 22.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން ވެރިކަމާ ހަވާލުވި އަހަރު ޝަރުއީ ދާއިރާއަށް އޮތީ 440 މިލިއަން ރުފިޔާ. މިއަހަރު އަޅުގަނޑުމެން ވާނީ ޝަރުއީ ދާއިރާއަށް 605 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދީފައި. މިއީ 2018 ވަނަ އަހަރާ އަޅައި ބަލާއިރު، 35 އިންސައްތައިގެ އިތުރުވުމެއް،" ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ، ޝަރުއީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ. މިކަން ކުރުމަށް ކޯޓުތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އެއް އިސްލާހަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުމެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް

އެއީ މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގެ އިހުތިސާސްގައި ހިމެނޭ މައްސަލަތައް ބެލުމަށް އުފައްދާ ކޯޓުތަކެކެވެ. ކޯޓުތައް އުފެދުމުން، ރަށްރަށުގައި ދިރިއުޅޭ މީހުން އަދުލު އިންސާފަށް ވާސިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ލުއިވެގެން ދާނޭކަމަށް މި ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވި 17 ފަނޑިޔާރުންގެ ޚިދުމަތުގެ އަގު ވަޒަންކުރިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޝަރުއީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. މި ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވީ ރައީސެވެ.

ޝަރުއީ ދާއިރާގެ ޤަޟާއީ އަހަރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ރައީސް އޮފީސް

ޤަޟާއީ އަހަރު ފެށުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި ރަސްމިއްޔާތަކީ ޤަޟާއީ އަހަރު ހާސިލް ކުރެވުނު ކާމިޔާބީތައް ފާހަގަކޮށް ދަސްވި ފިލާވަޅުތަކާ މެދު ފުންކޮށް ވިސްނާ އެކަންތައްތަކުގެ އަލީގައި އަދުލު އިންސާފަށް ވާސިލު ވެވޭނޭ މަގު ފަހިކުރުމަށް އަޒުމް ކަނޑައަޅައި މަސައްކަތްކުރުމެވެ.