އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރި ޕިކްނިކް އައިލެންޑް ބުކިންއަށް ހުޅުވާލުމާއެކު، ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ދުވަހުގެ ބުކިން ފުލްވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ މިއަދު ހަވީރު ކުޑަގިރި ޕިކްނިކް އައިލެންޑް ބުކިންއަށް ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހަށް ހުޅުވާލި 300 ސްލޮޓް މިރޭ އެއްކޮށް ބުކް ކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ކުޑަގިރިއަށް ދަތުރު ދިޔުމަށް މޯބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ވެސް ބުކް ކުރެވޭނެއެވެ. ކޮންމެ މީހަކަށް އެއް ބުކިން ހެއްދޭއިރު އިތުރު ކުރެވޭނީ ހަތް މީހުންނެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ ގްރޫޕެއްނަމަ އަނެއްކާ ވެސް އެހެން މީހަކު ލައްވާ ރަޖިސްޓާކުރެވޭނެއެވެ. އެޗްޑީސީން ބުނީ އެެހެން ކަންތައްކުރީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑްގެ ލޭއައުޓް ފެންނާނެ މެޕެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

ކުޑަގިރިއަށް ބަންދު ދުވަސް ނޫން އެހެން ދުވަސްތަކުގައި ދަތުރުކުރާ އިރު ފެރީއަށް ދެކޮޅު ޓިކެޓަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ.

އެ ރަށަށްދާ 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައެވެ.

އެހެންނަމަވެސް ދެ އަހަރުން ދަށުގެ ކުޑަކުދިންނާ 65 އަހަރުން މަތީ މީހުންނަށް ކުޑަގިރިއަށް ކުރާ ދަތުރުތައް މުޅިން ހިލޭ ކުރެވޭނެއެވެ.

ބިދޭސީންގެ އިތުރުން އެ ރަށަށް ދާ ފަތުރުވެރިންނަށް އަގުތައް ހަމަޖައްސައިފައި ހުންނަނީ ތަފާތު ރޭޓެއްގައެވެ.

ކުޑަގިރީގައި ކައްކައި ކާން ތިބެވޭނެހެން އެކި ބޮޑުމިނުގައި ހިޔާކޮށްފައި ހުންނަ އަށި ހުންނަނީ ހަދައިފައެވެ. ކަރަންޓާއި ފެން ވެސް މި އަށިން ލިބޭނެއެވެ. މި އަށިތައް ބުކްކުރަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ވެސް އޮންނާނެއެވެ.

ރަށުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ކުޑަގިރީގެ ޚާއްސަ ސެކިއުރިޓީ ޓީމުންނެވެ. ހަމައެއާއެކު 40 ސީސީޓީވީ ކެމެރާ ރަށުގެ އެކި ހިސާބުތަކުގައި ވަނީ ރަށް މޮނީޓަރުކުރުމަށް ހަރުކޮށްފައެވެ.

ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.

ރަށުގެ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފި ނަމަ ފިޔަވަޅު އަޅާނެއެވެ. ހަމައެއާއެކު ހަމަނުޖެހުމެއް އުފެދޭފަދަ އެއްވެސް ކަމެއް މީހަކު ކޮށްފިނަމަ އެ މީހަކަަށް އަލުން އެ ރަށަށް ދިއުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.