16 Apr 2012, 08:41
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނާއި ކާށިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ ބޮޑު ބައްޔަކުން ބަލިވެފައިވާ ކަމަށް ސަރުކާރާ އިއްތިހާދުވެފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ބުންމުންނެވެ. ނަމަވެސް އެމްޑީޕީން ބުނަނީ އެހެން ވާހަކައެކެވެ. އެ ނަތީޖާއަކީ އަވަސް އިންތިހާބެއް ބާއްވައިގެން އެމްޑީޕީއަށް ކުރި ލިބޭނެކަން އަންގައިދޭ ނަތީޖާއެއް ކަމަށެވެ.
ފަހަކަށް އައިސް ބޭއްވި ރަށު ކައުންސިލްތަކުގެ ގިނަ ބައި އިލެކްޝަންތައް ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ގޮނޑިއާއި ކާށިދޫ ގޮނޑީގެ ބައި އިލެކްޝަންގެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުގައި އެމްޑީޕީން ވަނީ 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ބޭއްވި އިންތިހާބްތަކަށް ވުރެ ރަނގަޅު ނަތީޖާ ކާށިދޫ ދާއިރާއިނާއި ތިމަރަފުށީ ދާއިރާ އިން ހޯދައިފަ އެވެ.
އެގޮތުން ތިމަރަފުށީ ދާއިރާއިން 3121 މީހުން ވޯޓުލީ އިރު އެމްޑީޕީގެ ކެންޑިޑޭޓް މުސްތަފާ އަށް ލިބުނީ 1327 ވޯޓެވެ. އަދި ކާށިދޫ ދާއިރާ އިން 2060 މީހުން ވޯޓުލީ އިރު އެމްޑީޕީން ވާދަކުރި އަހުމަދު ހަލީމް ލިބުނީ 919 ވޯޓެވެ.
އެމްޑީޕީގެ ސަޕޯޓަރުންނާއި ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވި ގިނަ ބަޔަކު ބައި އިލެކްޝަންގެ ނަތީޖާއަށްފަހު އަނެއްކާވެސް ގެންދަނީ 2013 އިގެ ކުރިން އަވަސް އިންތިހާބެއް ބޭއްވުމަށް އެކިއެކި ސޯސަލް ނެޓްވޯކްތަކުގައި ގޮވާލަމުންނެވެ.
އަނެއްކޮޅުން ބައި އިލެކްޝަންގެ ނަތީޖާއަކީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާ ސަރުކާރަށް އޮތް ތާއީދު ހާމަވުން ކަމަށް ރައީސް ޑރ. ވަހީދުގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެކާމިޔާބީއަކީ ރަޢީސް ވަހީދަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއް ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވެސް ގެންދަނީ ސިފަ ކުރަމުންނެވެ.
އެމްޑީޕީން ތިމަރަފުށީގެ ދާއިރާއަށް ކުރިމަތި ލެއްވި މުސްތަފާ ވިދާޅުވި ގޮތުގައި ތިމަރަފުށިންނާ ގާދިއްފުށިން ވެސް އޭނާއަށް ރަނގަޅު ނަތީޖާއެއް ލިބިފައިވާއިރު ގުރައިދޫން ވެސް ހީކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ލިބިފައިވެ އެވެ. ނަމަވެސް އިންތިހާބުން ބަލިވާން ދިމާވީ ފެއާއެންޑް ފްރީ އިލެކްޝަނެއް ބާއްވާނެ މާހައުލެއް ގާއިމްވެފައި ނެތުމުންނެވެ.
"މިރަށުގައި ފެއާ އިލެކްޝަނެއް ނޫން ބޭއްވީއަކީ އެއް. އަޅުގަނޑަކަށް އެނަތީޖާ ގަބޫލެއް ނުކުރެވޭނެ. އެފަދަ އިންތިހާބަކަށް އެކަށީގެންވާ މާހައުލެއް ވެސް ނޫން ގާއިމްވެފައި އޮތީ، އިންތިހާބު ކާމިޔާބު ކުރީ ސިޔާސީ ފަރާތްތަކުން ސިފައިންނާ ފުލުހުން ބޭނުންކޮށްގެން އެދާއިރާގެ ރައްރަށުގެ ރައްޔިތުންނަށް ބިރު ދައްކައިގެން،" މުސްތަފާ ވިދާޅުވި އެވެ.
އިލެކްޝަންގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި އިންތިހާބުގެ ކަންތައްތައް ހިނގައިދިޔަ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށް މުސްތަފާ ވިދާޅުވި ނަމަވެސް އެމްޑީޕީގެ ސްޕޯކްސް ޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެފައިވަނީ އިންތިހާބު ކުރިއަށް ދިޔަ އިރު ބައެއް ކަހަލަ ނޭދެވޭ ކަންތައްތައް ކުރިމަތިވި ނަމަވެސް އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަތުވެދާނެ ކަމަށް ގަބޫލު ކުރެވޭ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ. އެމްޑީޕީ ބޭނުންވަނީ އަވަސް އިންތިހާބެއް ކަމަށެވެ. އަދި ރާއްޖޭގައި ފްރީ އެންޑް ފެއާ އިލެކްޝަނެއް ބޭއްވިދާނެ ކަން މި ބައި އިލެކްޝަނުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
"އެމްޑީޕީން ބޭނުންވަނީ އަވަސް އިންތިހާބެއް. ސަރުކާރުން ބުނަމުންދިޔައީ އަވަސް އިންތިހާބެއް ބޭއްވޭނެ ޖާގައެއް ނެތޭ، ނަމަވެސް މިހާރު އެކަން އަޅުގަނޑުމެންނަށް އެކަން މިވަނީ ޔަގީންވެފައި، އަވަސް އިންތިބާހެއް ބޭއްވޭނެކަން މިވަނީ އެނގިފައި،" އިންތި ވިދާޅުވި އެވެ.
އަވަސް އިންތިހާބަކަށް ރާއްޖޭގެ މާހައުލު އޮތް ގޮތުން ޖާގައެއް ނެތް ކަމަށާއި އެފަދަ އިންތިހާބެއް ބޭއްވޭނީ ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް މިސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ބުނަމުންގެންދާއިރު އެމްޑީޕީން ގެންދަނީ މެދުކެނޑުމެއް ނެތި އަވަސް އިންތިހާބަކަށް ގޮވާލާ ކެންޕެއިން ކުރަމުންނެވެ.