14:30


އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ބިލާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ބިލާއި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އަލްއުސްތާޒު އަހްމަދު ފާއިޒުގެ ނަންފުޅު އިއްލާންކޮށް، އެ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަކަށް ފޮނުވުމަށް އިއްޔެގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް، އެޖެންޑާ އަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ބަހުސް ކޮށްފައި ވަނީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަސްގަހާގެހި ކަރަންޓީނު ކުރުމާބެހޭ ބިލަށެވެ.


މިމަހު ހަތް ވަނަ ދުވަހު އިންތިގާލީ މަރުހަލާ ނިމޭއިރު، ގައުމަށް މުހިއްމު ކަންތައްތަކެއް ނިންމަންޖެހޭ މިފަދަ ދަނޑިވަޅެއްގައި، މިފަދަ ބިލަކަށް ބަހުސް ކުރަންޖެހޭ ކަމަށްޓަކައި ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، މި ބިލަށް ވާހަކަ ދެއްކެވި، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ބިލަކީ މުހިއްމު ބިލެއް ކަމަށް ވިޔަސް މިވަގުތަށް ކޮންމެހެން ނިންމަންޖެހޭ ބިލުތަކެއް ހުއްޓައި މިފަދަ ބިލަކަށް ބަހުސްކުރަން ޖެހުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


މިއަދުގެ ޖަލްސާގެ ފުރަތަމަބައި ކުރިއަށްދިޔައިރު ކޯރަމް ގެއްލިގެން އެތައް ފަހަރަކު ޖަލްސާ މެދުކަނޑައިލަން ވަނީ ޖެހިފަ އެވެ. އެ މައްސަލައިގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ކޯރަމް ގެއްލުވާލުމުގެ ޒިންމާ ވެސް ވަނީ އަޅުއްވައިފަ އެވެ.


މިއަދުގެ ޖަލްސާގައި ބިލުތަކުގެ ބަހުސް ކުރިއަށް ގެންދެވީރު އިދިކޮޅު މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ. އަދި ސަރުކާރު ފެއިލްވެފައިވާ ކަމަށް ވިދާލުވެ ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ބައެއް މެންބަރުން ގޮވައިލެއްވި އެވެ.


އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ހިމެނޭ ގާނޫނުތަކަށް އަމަލްކުރުމުގެ މުއްދަތު އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ވިދާޅުވީ، ގާނޫނުތަކަށާއި ގަވާއިދުތަކަށް އަމަލްކުރަންޖެހޭ ފަރާތަކުން އެކަން ނުކޮށް މިފަދަ މައްސަލައެއް ހުށަހަޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އަދި ގަވާއިދުތަކަކީ އަމަލުކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް އެޓާނީ ޖެނެރަލް ހުސްނު ސުއޫދު ހާމަކަން ބޮޑު ގޮތެއްގައި މީޑިޔާތަކުގައި ވިދާޅުވަމުން ގެންދަވަމުން، މިފަދަ ގަވާއިދުތަކަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.