09 Feb 2023, 19:46
އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 560 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސްއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، އެ އަހަރު އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރު އުރީދޫއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ މޯބައިލްގެ ޚިދުމަތްތަކުންނެވެ. މި މުއްދަތުގައި މޯބައިލް ޚިދުމަތުން އާމްދަނީގެ ގޮތުގައި އުރީދޫއަށް ވަނީ 1.4 ބިލިއަން ރުފިޔާ ލިބިފައެވެ.
މޯބައިލްގެ ޚިދުމަތްތައް ފިޔަވައި، މިދިޔަ އަހަރު ދެން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އިންޓަނެޓުގެ ވިޔަފާރިންނެވެ. މިދިޔަ އަހަރު އިންޓަނެޓު ވިޔަފާރިން އުރީދޫއަށް ވަނީ 437 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
އާމްދަނީގެ ގޮތުގައި ލިބުނު 1.9 ބިލިއަން ރުފިޔާ އާ އެކު ޚަރަދުތައް ކަނޑައި، ވިޔަފާރި ހިންގައިގެން މިދިޔަ އަހަރު ފައިދާގެ ގޮތުގައި އުރީދޫއަށް ވަނީ 662.9 މިލިއަން ރުފިޔާ ލިބިފައެވެ.
އުރީދޫއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީބަޔާނުގެ އުސްއަލިތަކަށް ބަލާއިރު، ވިޔަފާރީގެ ތެރެއިން އެކި ފަރާތްތަކުގެ އަތުން 390 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހެއެވެ. ބޭންކްގައި ބަހައްޓާފައިވާ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އަރާއިރު، ތިޖޫރީގައި 1.7 މިލިއަން ރުފިޔާ އެބަހުއްޓެވެ.
އުރީދޫއިން ވަނީ މިދިޔަ ހަފުތާގައި ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަށްފަހު މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބެހުމަށް ނިންމާފައެވެ. އުރީދޫއިން އޭގެ ކުރީއަހަރު ބަހާފައިވަނީ ހިއްސާއަކަށް 2.70 ރުފިޔާއެވެ.