09 Feb 2023, 17:44
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އަނބުރާ ގައުމަށް ފޮނުވާލިތާ ހަފުތާއެއް ފަހުން އިއްޔެ، 2.2 ކިލޯ ކޮކެއިން އެތެރެކުރި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިމިގްރޭޝަނުން މިދިޔަ މަހުގެ 26 ވަނަ ދުވަހު އާންމުކުރި ގަވާއިދެއްގައި ބުނާ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ނުވަތަ ބޭނުންކޮށްފާނެ މީހެއްކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިއްޖެ ނަމަ އެ މީހަކު ރާއްޖެ އެތެރެވިޔަނުދީ އަނބުރާ ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް ލިބެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެ އައި ބްރެޒިލްގެ 23 އަހަރުގެ އަންހެނެއް އަތުން 2.6 ކިލޯގެ ކޮކެއިން އަތުލައިގުތުމަށްފަހު އެ މީހާ ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލާފައެވެ.
އެ ފަހުން އިއްޔެ ރާއްޖެ އައި ސްވިޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ ލަގެޖުން 2.2 ކިލޯ ކޮކޮއިން ވަނީ ފެނިފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް އިތުރު ކޮށްފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ ލަގެޖް ކަސްޓަމްސްއިން ޗެކްކުރީ ލަގެޖްގައި ފޯލްސް ބޮޓޮމެއް އިންކަމަށް ސްކޭން އިން ދެއްކުމުންނެވެ. ލަގެޖް ބަލާ ފާސްކުރިއިރު އޭގައި ފޮރުވާފައިހުރި ތިން ރަބަރު ޕެކެޓް ވަނީ ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 2.2 ކިލޯ ހުރި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
އެ ފޮއްޓާ ހަވާލުވާން އައި ދެ މީހަކު އަތުލާގަނެފައިވަނީ މަސްތުވާތަކެތި އެތެރެކުރި މީހާގެ އެއްބާރުލުމާއެކު ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ގެޒެޓުކޮށްފައިވާ އިމިގްރޭޝަންގެ ގަވައިދުގައިވާ ގޮތުން، ވައިގެ މަގުން ރާއްޖެއަށް އަންނަ ބިދޭސީއަކު މަސްތުވާއެއްޗެއް އެތެރެކުރަން އުޅޭކަން ޝައްކުކުރެވޭނަމަ އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަނުދީ ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބެއެވެ.
އެ ކަން ކުރެވޭނީ ވަކި ހާލަތްތަކެއްގައެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ލަގެޖުގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކު ކުރެވުމާއި، މަސްތުވާތަކެތި އުފުލުމުގައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާކަމަށް ނުވަތަ އެ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވުމެވެ.
ގަވައިދުގައި މިހެން އޮތް ނަމަވެސް އެ މީހަކު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވިދާނެ ވަކި ހާލަތްތަކެއް ވެސް ވެއެވެ.
އޭގެ ތެރޭގައި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުން ހިމެނެއެވެ. ނަމަވެސް އެ ކަން ކުރަންވާނީ އެ މީހަކު ރާއްޖެ އައި އެއާލައިނަކުން އޭނާއަަށް އެނބުރި ގައުމަށް ފުރޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.