09 Feb 2023, 17:26
ތުރުކީވިލާތަށް އައި ބިން ހެލުމުގެ ސަބަބުން އެގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން، ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން ފޮރިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އދ ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނާ ގުޅާ ހާލު އޮޅުން ފިލުވާފައިވާނެ ކަމަށާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމްލަ 14 ދިވެހިން ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެއިތުރުން، ބިންހެލުމާ ގުޅިގެން މިނިސްޓްރީން ތުރުކީގެ ހާލަތުވެސް ގާތުން ބަލަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ. ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ތުރުކީގައި ތިބި މީހުންގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުސަތެއްގައި ރަޖިސްޓާ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
ތުރުކީއަށް ފުރަތަމަ ބިންހެލުން، 7.8 މެގްނެޓިއުޑް ބާރުމިނުގައި އައިސްފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުއެވެ. އޭގެ ފަހުން ބާރުގަދަ ލޮޅުންތަކެއް އައިސް 12 ގަޑިއިރު ފަހުން 7.5 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެއް އައިސްފައި ވެއެވެ.
އޮފިޝަލުންނާއި ޑޮކްޓަރުން ބުނީ ހޯމަ ދުވަހު އައި ބިންހެލުމުގައި ތުރުކީން 12،391 މީހުން އަދި ސީރިއާއިން 2،992 މީހުން މަރުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15،000 އަށް ވުރެ މައްޗަށް އަރައިފައެވެ.