ތިލަފުށިން ބިދޭސީންނަށް ބިން ވިއްކަނީ ނޫން ކަމަށާއި 99 އަހަރަށް ކުއްޔަށް ދެނީ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ތިލަފުށިން ބިން ވިއްކަން ނުނިންމާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އަދި، އިދިކޮޅު ފަރާތްތަކުން އުޅެނީ އެކަން އޮޅުވާލަން ކަމަށް އޭނާ ވިދާޅުވިއެވެ.

ބީލަން އުސޫލުން، 99 އަހަރަށް ބިދޭސީންނަށް ތިލަފުށިން ބިން ވިއްކަން ސަރުކާރުން ވަނީ ހުޅުވާލައިފައެވެ.

"ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ. ގާނޫނުގައި ސާފު ސަރީހަކޮށް އެ އޮތީ ބަޔާންކޮށްފައި. އެހެންވީމަައި އެ ކަމެއް ނުކުރާނެ. އެ ކަހަލަ ގޮތަކަށް ނޫން ކަންނޭނގެ އިއުލާނުގައި އޮތީކީ ވެސް." މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭރުގެ އެކިއެކި ކުންފުނިތަކުން ވެސް ވިޔަފާރި ކުރާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ވެސް ރާއްޖެ އަންނައިރު އެ މީހުންނަށް ބިމެއް ލިބެންޖެހޭނެ ކަމަށެވެ. މިގޮތުން، ރާއްޖޭގައި ރިސޯޓު ހަދަން ވެސް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތުތަކަށް ބިން ދޫކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިނާއީ މަސައްކަތް ކުރާ ރަށަކުން ބިމެއް ކުއްޔަށް ދޫކުރާ ވާހަކަ މި ދައްކަނީ. ސިޔާސީ ބޭނުމަކަށް ބައެއް ބޭފުޅުން އެކަން އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ސިޔާސީ ބައެއް ބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ. އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ބިމެއް އެ ގޮތަކަށް ބޭރުގެ ފަރާތަކަށް މިލްކެއް ނުކުރެވޭނެ ކަމަށް." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިލަފުށިން ދޫކުރާ ބިންތަކުން 90 އިންސައްތަ ބިންތައް ވިއްކަނީ ދިވެހިންނަށް ކަމަށެވެ. އަދި، ބިދޭސީންނަށް ބިންތައް ކުއްޔަށް ދޫކުރަނީ ކަމަށާއި ނުވިއްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނާއީ މަސައްކަތަށް ތިލަފުށިން ބިން ވިއްކާގޮތުގެ އުސޫލު އެޗްޑީސީން އާންމުކުރީ މިދިޔަ ހަފުތާގައެވެ.

އެ އުސޫލުގައި ވާގޮތުން ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރަނީ 99 އަހަރަށެވެ. އަދި ބީލަން ކާމިޔާބު ކުރަނީ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކު ކުރެވޭނެއެވެ. ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާއެވެ.