ކަހްރަމާން (8 ފެބްރުއަރީ 2023): ތުރުކީގެ ހުޅަނގު ދެކުނުގެ ސަރަހައްދަށް މިހަފުތާގެ ކުރީކޮޅު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 16،000 އަށްވުރެ މައްޗަށް ގޮސް ޒަޚަމްވި މީހުންގެ އަދަދު 62،000 އަށް އަރައިފިއެވެ. މީގެތެރޭގައި އެބިންހެލުމުގައި ސީރިޔާއިން މަރުވި ތިން ހާހަށްވުރެ ގިނަމީހުންނާއި ޒަޚަމްވި ފަސް ހާހަށްވުރެ ގިނަ މީހުން ހިމެނެއެވެ.

ބިންހެލުމުގެ ސަބަބުން ތުރުކީއާއި ސީރިޔާގެ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް އެތައް ހާސްބަޔަކު ތިބިކަން ޔަގީންވާއިރު އޭގެތެރެއިން ގިނަ ބަޔަކު ދިރިތިއްބައި ސަލާމަތް ކުރެވޭނެކަމުގެ އުންމީދު މިހާރުދަނީ ގެއްލެމުންނެވެ. މިއާއެކު މުޅި ސަރަހައްދުގައިވަނީ ރުއިމުގެ ގިސްލުމާއި ކެކުޅުންތަކުގެ އަޑެވެ. ރުއިމުގެ ގިސްލުމާއި ކެކުޅުންތަކުގެ އަޑުތައް ކޮންކްރީޓްތަކުގެ ދަށުން ހުއްޓުމެއްނެތި އިވެމުންދާކަމަށް މުރާސިލުން ބުނެއެވެ.

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ތުރުކީގެ ހުޅަނގު ދެކުނުންނާއި ސީރިޔާގެ ހުޅަނގު އުތުރުން ވެއްޓިފައިވަނީ އެތަށް ހާސް އިމަރާތެކެވެ. އެހުރިހާ އިމާރާތެއްގެ ދަށުން ދެތިން ދުވަހުގެ ތެރޭގައި މީހުން ނެގުމަކީ ގާތްގަނޑަކަށް މުސްތަހީލުކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

އަނެއްކޮޅުން ވެއްޓިފައިވާ އިމާރާތްތަކުގެދަށުގައި ތާށިވެފައި މީހުން ތިބޭތާ މިހާރު ހަތަރު ދުވަސްވެފައިވާއިރު އޭގެތެރެއިން ގިނަބަޔަކު ދިރިތިއްބައި ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު މިހާރުވަނީ ވަރަށް ކުޑަވެފައެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރަމުން ދަނީ ގަދަފިނީގައެވެ. ވާރެއާއި ސްނޯތެރޭގައެވެ. ތުރުކީގެ ހުޅަނގު ދެކުނާއި ސީރިޔާގެ ހުޅަނގު އުތުރުގައި ފިނިހޫނުމިން އުޅެނީ މައިނަސް ފަހަކަށްވުރެވެސް ދަށުގައެވެ.

ފިނިމޫސުމުގެ މިގަދަ ފިނީގެ ތެރެއިން ކޮންކްރީޓްތަކުގެ ދަށުން އިވެމުން ދަނީ އެތަންތަނުގައި ތާށިވެފައިވާ މީހުންގެ ވޭނާއި ކެކުޅުންތަކުގެ އަޑެވެ. ހައިހޫނުކަމާއެކު މަރަށްތެޅެމުންދާ އަޑެވެ. އަނެއްކޮޅުން ކޮންކްރީޓްތަކުގެ މަތިންވެސް ރުއިމާއި ކެކުޅުންތަކުގެ އަޑެވެ.

މަންމައިންނާއި ބައްޕައިން އެމީހެއްގެ ދަރިން ނުފެނިގެން ރޮއި ﷲ އަށް ތަސްބީހަ ކިޔައި ގިސްލާ އަޑެވެ. އަދި ދަރިން އެމީހުން މައިން ބަފައިން ނުފެނިގެން ﷲ އަށް ތަސްބީހަ ކިޔަމުން ރޮމުންދާ ރުއިންތަކުގެ ވޭނީ އަޑެވެ. އަދި މައިންބަފައިން ނެތިގެން ތުއްތު ކުދިންތައްވެސް ރޮމުންދާ ރުއިންތަކުގެ އަޑެވެ. ވޭނާއި ކެކުޅުމާއި ގިސްލުމުގެ އަޑެވެ. މުޅި ސަރަޙައްދު ވަނީ މި އަޑުތަކުން ގުގުމާލާފައެވެ.

މުރާސިލުން ބުނާގޮތުގައި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ޓީމުތައްވަނީ ވަރުބަލިވެފައެވެ. އެމީހުން ގެންދަނީ މީހުން ސަލާމަތް ކުރުމަށް ކުރެވެންއޮތްހާ ކަމެއް ކުރަމުންނެވެ. އަނެއްބަޔަކު ދަނީ ހޭބޯ ނާރާ މީހުން ކޮޅުކޮޅު މައްޗަށް ދުވަމުންނެވެ. އެއީ ކޮންކްރީޓްތަކުގެ ދަށުގައިވާ މީހުންގެ އާއިލާތުގެ މީހުންނެވެ. އެމީހުން ރޮނީ އަދި ގިސްލަނީ ކޮންކްރީޓްތަކުގެ ދަށުގައިތިބި އެމީހުންގެ ތިމާގެމީހުން އެތަނުން ނުނެގި މަރުވަމުންދާތީއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ކޮންކްރީޓްތައް ނަގާއިރު މަރުވެފައިވާ އެތައްބަޔަކު ދަނީ ފެންނަމުންނެވެ. އަނެއްބަޔަކުވަނީ ހޭނެތިފައެވެ. އަނެއްބަޔަކު ހަރަކާތްކުރެއެވެ. ނަމަވެސް ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ކޮންކްރީޓްތަކުގެ ދަށުން ނަގާ ގިނަމީހުން މިހާރުތިބެނީ މަރުވެފައެވެ.

މިހާލުގައި އެއް ބަޔަކު ގެންދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ގާކުނޑިތަކާއި ކޮންކްރީޓްތަކުގައި ކަންފަތް ޖަހައިގެން އެތަނުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ހަޅޭކާއި ކެކުޅުމާއި ގިސްލުމުގެ އަޑުތައް އަހަމުންނެވެ. އެމީހުން މަސައްކަތްކުރަނީ ގާކުނޑިތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ ފުރުސަތު އޮތްމިންވަރު ދެނެގަތުމަށެވެ. މީހުން ދިރިތިބިތޯ ކަށަވަރު ކުރުމަށެވެ.

ވެއްޓިފައިވާ އިމާރާތެއްގެ ކޮންކްރީޓްތަކުގެ ދަށުން އިވޭއަޑުތަކުގެ ތެރޭގައި ކެކުޅުމުގެ އަޑުތަކުގެ އިތުރުން ތަކުބީރުގެ އަޑުތަކާއި ޝަހާދަތުގެ ދެކަލިމައިގެ އަޑުވެސްދަނީ އިވެމުންނެވެ. އެއީ މީހުން މަރަށްތެޅޭ އަޑެވެ. މަރުވުމުގެކުރިން ޝަހާދަތް ކިޔާ އަޑެވެ. ސަލާމަތް ވާނެކަމުގެ ނޭނގޭތީ ހިތަށްކުރާ އަސަރުތަކުގެ އަޑެވެ.

މުރާސިލުން ބުނާގޮތުން މިއީ އަޑުއަހަން އަދި ބަލަން އިންސާނީ ޒަމީރަށް ކެތްވާވަރަށްވުރެ މާ އަސަރުގަދަ މާ ވޭނީ މަންޒަރުތަކެކެވެ. މިއީ ފުރިހަމަ މާނައިގެ އިންސާނީ ކާރިސާއެކެވެ. އިންސާނުންގެ ނިކަމެތިކަމާއި ބަލިކަށިކަން ހާމަކޮށްދޭ ހިތި ހަގީގަތްތަކެކެވެ. މި ހުރިހާ އަޑުތަކެއް އިވެމުދަނީ ގަދަފިންޏާއި ވާރެއާ އަދި ފައިބަމުންދާ ސްނޯގެ ތެރެއިންނެވެ.