09 Feb 2023, 15:04
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ތ. އަތޮޅުގެ ފުރަތަމަ ބުރުގައި ހިރިލަންދޫއަތުން އޮމަދުއަށް ފަސޭހަ މޮޅެއް ލިބުނުއިރު، ވޭމަންޑޫއާއި ގާދިއްފުށި ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެއްޖެއެވެ.
ރޭ ހުޅުމާލެ ރެހެނދި ފުޓްސަލް ދަނޑުގައި ހިރިލަންދޫއާއި އޮމަދޫ ބައްދަލުކުރި މެޗު ނިމުނީ 5-0 ގެ ނަތީޖާއަކުން އޮމަދޫ މޮޅުވެގެންނެވެ. އެ މެޗުގައި އޮމަދޫގެ ގޯލުތައް ޖެހީ އިސްމާއީލް މިމްރާހު މުއީންއާއި، ސަހުލާން ބިން މުހައްމަދު އިދުރީސްއާއި، އަހުމަދު ނަޝްވާންގެ އިތުރުން މުހައްމަދު ލީވާން ހަސަންއެވެ. އެ މެޗުގައި ނަޝްވާން ވަނީ ދެ ގޯލު ޖަހައިފައެވެ.
އެ އަތޮޅުގެ ދެވަނަ މެޗުގައި ވޭމަންޑޫއާއި ގާދިއްފުށި ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ވޭމަންޑޫގެ މާޒިން ގޯލެއް ޖެހިއިރު ހަމްދާން އަހުމަދު ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި ގާދިއްފުށީގެ އަހުމަދު އުނައިސް، މުހައްމަދު އައިހަމްގެ އިތުރުން ހުސައިން ޒާހިދު ވަނީ ގޯލު ޖަހައިފައެވެ.

ވޭމަންޑޫއާއި ގާދިއްފުށި ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ.
މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.