10 Feb 2023, 10:40
އިންސާނާގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަރަކަށް ލޮނު ބޭނުންވެއެވެ. ނަމަވެސް މިހާރު ކެއުމުގެ އާދަތަކާއި ޑައިޓުތައް ހުންނަ ގޮތުގެ ސަބަބުން ލޮނު ލިބެން ވާ ވަރަށް ވުރެ ގިނައިން ބޭނުންކުރެއެވެ. އެކަަމަކު މިއީ ބަދަލު ކުރަން ޖެހޭ އަދަދެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާގޮތުގައި އާންމުންގެ ކެއުމުގެ އާދަތަކަށް ދުވަހެއް ދުވަހަކަށް އަންނަނީ ޕްރޮސެސް ކާނާ އިތުރުވަމުންނެވެ. ފަސޭހައިން ލިބުމާއި އަގުހެޔޮ ވުމަކީ މިފަދަ ތަކެތީގެ މަގުބޫލުކަން އިތުރުވަމުން އަންނަ ސަބަބެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. ޕްރޮސެސް ކާނާތަކަކީ ލޮނުގެ މާއްދާ ވަރަށް ގަދައަށް އެކުލެވިގެންވާ ބާވަތްތަކެކެވެ.
ލޮޮނު ނުވަތަ ސޯޑިއަމް އަކީ ލޭގެ ޕްރެޝަރު އިތުރު ވުމަށް މަގުފަހި ކޮށްދޭ އެއްޗެކެވެ. އަދި ލޮނު ގިނަ ވާ ކެއުންތައް އިތުރުވާއިރު ތާޒާ މޭވާ އާއި ތަރުކާރީ ކެވޭ މިންވަރު މަދުވަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ފާހަގަކުރެއެވެ. މޭވާ އާއި ތަރުކާރީ އަކީ ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. މިއީ ލޭގެ ޕްރެޝަރު ދަށް ކުރުމަށް އެހީތެރިވާ މާއްދާއެކެވެ.
ޑަބްލިއުއެޗްއޯ އިން އިރުޝާދު ދޭ ގޮތުގައި ބޮޑެތި މީހުން ދުވާލެއްގެ މައްޗަށް ލޮނު ބޭނުންކުރަން އެންމެ އެކަށީގެންވާ މިންވަރަކީ ފަސް ގްރާމް ނުވަތަ ސައި ސަމުސާއަކަށް ވުރެ ގިނަ ނުވާނެ މިންވަރަށެވެ.
ލޮނަކީ ހަށިގަނޑުގެ ޕްލާޒްމާ ލެވެލް ކޮންޓްރޯލު ކޮށް އެސިޑް ލެވެލް އެއް މިންވަރެއްގައި ބެހެއްޓުމަށް އެހީތެރިވާ އެއްޗެކެވެ. ނަމަވެސް މިއީ ވަކި މިންވަރެއްގައި ކޮންޓްރޯލު ކޮށްގެން ކުރުން މުހިއްމު ކަމެއް ކަމަށް ސިއްހަތު ޖަމިއްޔާއިން ލަފާ ދެއެވެ.
ލޮނާ ނުލައި ކެއުމުގެ އާދަތަށް ބަދަލު ކުރާއިރު ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރަކަށް އުނދަގޫ ވެދާނެ ކަމަށް އެ ޖަމިއްޔާއިން ފާހަަގަކުރެއެވެ. ނަމަވެސް ދުވަސްކޮޅެއް ވުމުން އާ ޑައިޓަށް ހޭނޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ކާއެއްޗެހީގެ އަސްލު ފްލޭވާ އޭރުން އެނގޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެއެވެ.