ސަރުކާރާއި ދިވެހި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ބޭފުޅުން، ކުންފުންޏަށް ކޮށްދެއްވި ޚިދުމަތުގެ އަގު އެކުންފުނިން ވަޒަންކޮށްފިއެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުނީގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރި ޑިރެކްޓަރުންނާއި، މެނޭޖިން ޑިރެކްޓަރު އަދި ޗެއާމަނަށް ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ޕްލާކް އަރުވާފައެވެ. އެ ބޭފުޅުންނަށް ހަނދާނީ ޕްލާކް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ރާއްޖޭގެ ޚާރިޖީ ވަޒީރު ނިޝާނުލް އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދެވެ.

އެމްޓީޑީސީގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނި ވަޑައިގެންނެވި ބޭފުޅުން:

ޗެއާމަން: ޗަމްޕާ ހުސައިން އަފީފް

މެނޭޖިން ޑިރެކްޓަރު: މުހައްމަދު ޞާލިހް

ޑިރެކްޓަރު: މުހައްމަދު މިހާދު

ޑިރެކްޓަރު: އަހުމަދު ސިޔާމް މުހައްމަދު

ޑިރެކްޓަރު: ޔޫސުފް ރިޒާ

ޑިރެކްޓަރު: އަލީ ފިރާޤް

ޑިރެކްޓަރު: މުހައްމަދު ވަހީދު ހުސައިން

އެމްޓީޑީސީގެ ބޯޑަށް އެންމެ ފުރަތަމަ އައްޔަނުކުރި މެމްބަރުންވަނީ، އެމްޓީޑީސީގެ އެންމެ ޅަފަތުގައި ކުންފުންޏަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސިޔާމް މުހައްމަދަށް ލިބިވަޑައިގެންނެވި އެވޯޑާ ޑރ. ރަފިއްޔާ ހަވާލުވެވަޑައިގަންނަވަނީ --- ފޮޓޯ/ އެމްޓީޑީސީ

އެގޮތުން އެމްޓީޑީސީގެ އެންމެ ފުރަތަމަ ރިސޯޓް "ހެރެތެރެ" ތަރައްޤީކޮށް ހިންގުމާއި، އެކުންފުންޏަށް ރިސޯޓް ތަރައްޤީކުރުމަށް ލިބިފައިވާ ރަށްތައް ތަރައްޤީކުރުމަށް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިޒަމް ކުންފުނިތަކާ ހަވާލުކުރުމުގެ މަސައްކަތްތައް ފުރަތަމަ ދައުރުގައި އެބޭފުޅުން ވަނީ ކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޓީޑީސީގެ ހިންގާ ޤަވައިދުގައިވާ ގޮތުގެ މަތިން އެކި އަހަރުތަކުގައި ޗެއާމަން ކަމުގެ މަޤާމާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ފުރުއްވި ބޭފުޅުންނަށް އެބޭފުޅުން ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދެއްވާފައެވެ.

މީގެ އިތުރުންވެސް އެމްޓީޑީސީއަށް އެކި ގޮތްގޮތުން ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވަނީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ލިޔުން ދީފައެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.

އެމްޓިޑީސީ ހިއްސާ ބެހިފައިވާ ގޮތަށް ބަލާއިރު، އެކުންފުނީގެ 53 އިންސައްތަ ހިއްސާއަކީ ދިވެހި އާއްމު ރައްޔިތުންނެވެ. އަދި އަނެއް 47 އިންސައްތަ ހިއްސާ އަކީ ސަރުކާރެވެ.