09 Feb 2023, 13:15
މާލޭގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ޚާއްސަކޮށްގެން ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ ހޮނިހިރު ދުވަހު ހުޅުވާއިރު މިއަދު ހަވީރު ހަތަރަކުން ފެށިގެން ބުކިން ހެދޭނެ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
މިއަދު އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވަނީ ކުޑަގިރި ހުޅުވަން ތައްޔާރުވަމުން އަންނައިރު އެ ތަން ބުކްކުރުމުގައި އެކުލަވައިލައިފައިވާ އަގުތަކާއި އުސޫލުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެގޮތުން އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރް ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ، މޯބައިލް އެޕްލިކޭޝަނާއިވެބްސައިޓްމެދުވެރިކޮށް ވެސް ބުކް ކުރެވޭނެ ކަމަށެވެ.
އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރް ޑިރެކްޓަރު ނިއުޝާދު ޝަރީފް -- ސަން ފޮޓޯ/ މުހައްމަދު މާހިލް
"ކޮންމެ ބޭފުޅަކަށް ވެސް ހެދޭނީ އެއް ބުކިން. އެޑް ކުރެވޭނީ ހަތް ބޭފުޅުން. ހަތް ބޭފުޅުންނަށްވުރެ ގިނަ ގްރޫޕެއް ގެންނަ ކަމުގައިވަންޏާ ތި ބޭފުޅުންނަށް ޖެހިލައްވާނީ އަނެއްކާ ވެސް އެހެން ބޭފުޅަކު ލައްވާ ރަޖިސްޓާކުރަން،" އޭނާ ވިދާޅުވިއެވެ.
އެެހެން ކަންތައްކުރީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
މީގެ އިތުރުން ކުޑަގިރީގެ މުޅި ރަށުގެ ލޭއައުޓް ފެންނާނެ މެޕެއް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ދިވެހީންނަށް ކުޑަގިރީގެ އަގުތައް
ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެންޓްރޭންސް ފީ ހުރިހާ ދިވެހީންނަށް ހިލޭވާނެއެވެ.
ހަފުތާ ދުވަސްތަކުގެ އެންޓްރޭންސް ފީ އަގުތައް:
ދެ އަހަރާއި 11 އަހަރުގެ ކުދިންނަށް - ހިލޭ
- 12 އަހަރުން މަތީ މީހުން - 50 ރުފިޔާ
- ދެ އަހަރުން ދަށުގެ ކުދިން - ހިލޭ
- 65 އަހަރުން މަތީގެ މީހުން - ހިލޭ
ފެރީގެ އަގުތައް:
ހަފުތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި ފެރީގެ އަގު ހިލޭވާނެއެވެ. އެ ނޫން ދުވަސްތަކުގެ އަގުތަކަކީ:
ދެ އަހަރާއި 11 އަހަރުގެ ކުދިންނަށް - 25 ރުފިޔާ
- 12 އަހަރުން މަތީ މީހުން - 50 ރުފިޔާ
- ދެ އަހަރުން ދަށުގެ ކުދިން - ހިލޭ
- 65 އަހަރުން މަތީގެ މީހުން - ހިލޭ
ބިދޭސީންގެ އިތުރުން އެ ރަށަށް ދާ ފަތުރުވެރިންނަށް އަގުތައް ހަމަޖައްސައިފައި ހުންނަނީ ތަފާތު ރޭޓެއްގައެވެ.
ކުޑަގިރީގައި ކައްކައި ކާން ތިބެވޭނެހެން އެކި ބޮޑުމިނުގައި ހިޔާކޮށްފައި ހުންނަ އަށި ހުންނަނީ ހަދައިފައެވެ. ކަރަންޓާއި ފެން ވެސް މި އަށިން ލިބޭނެއެވެ.
ކުޑަ 13 އަށި ހުރެއެވެ. މި އަށިތައް ބުކްކުރަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު ވެސް އޮންނާނެއެވެ.
ކުޑަގިރި ޕިކްނިކް އަށީގެ އަގުތައް
ކުޑަ އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 500 ރުފިޔާ
- ދުވަހުގެ އެއް ބަޔަށް - 250 ރުފިޔާ
ބޮޑު އަށި އެކްސްކްލޫސިވް:
މުޅި ދުވަހަށް - 1،200 ރުފިޔާ
- ދުވަހުގެ އެއް ބަޔަށް - 650 ރުފިޔާ
ބޮޑު އަށި ޝެއާޑް:
މުޅި ދުވަހަށް - 250 ރުފިޔާ
- ދުވަހުގެ އެއް ބަޔަށް - 450 ރުފިޔާ
ނިއުޝާދު ވިދާޅުވީ މިއީ ވިޔަފާރިއެއް ހިންގުމަށް ކުރާކަމެއް ނޫންކަމަށާއި، މިއީ އާންމުނަށް ފަހި މާހައުލެއްގައި އުފާވެރިކަމާއެކު ވަގުތުކޮޅެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކުރާ ކަމެއް ކަމަށެވެ.
ރަށުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ކުޑަގިރީގެ ޚާއްސަ ސެކިއުރިޓީ ޓީމުންނެވެ. ހަމައެއާއެކު 40 ސީސީޓީވީ ކެމެރާ ރަށުގެ އެކި ހިސާބުތަކުގައި ވަނީ ރަށް މޮނީޓަރުކުރުމަށް ހަރުކޮށްފައެވެ.
ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށުގައި ފުލުހުން ހަރަކާތްތެރިވާނެއެވެ.
ރަށުގެ އެއްވެސް ތަނަކަށް ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފި ނަމަ ފިޔަވަޅު އަޅާނެއެވެ. ހަމައެއާއެކު ހަމަނުޖެހުމެއް އުފެދޭފަދަ އެއްވެސް ކަމެއް މީހަކު ކޮށްފިނަމަ އެ މީހަކަަށް އަލުން އެ ރަށަށް ދިއުމުގެ ފުރުސަތު ނުދޭނެކަމަށް ވެސް ނިއުޝާދު ވިދާޅުވިއެވެ.