09 Feb 2023, 11:34
ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުން ކޮށްގެން ރާއްޖޭގެ މާހައުލާއި ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ 88ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
އުކާލެވޭ ކުނީގެ ތެރޭގައި ހިމެނޭ ކާބޯތަކެއްޗާއި ފަތްޕިލާވެލި ބޭނުންކޮށްގެން މާހައުލާ ގުޅޭ، ރައްކާތެރި ގަސްކާނާ ތައްޔާރުކުރުމުގެ ފުރުޞަތު މާލޭ ސިޓީ ކައުންސިލަށް ލިބިފައިވުމުން ރައްކާތެރި ލުއި ފަސޭހަ އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ ތައްޔާރުކޮށް ފޯރުކޮށް ދިނުމަށް އެ ކައުންސިލުން ވަނީ ނިންމައިފައެވެ.
މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ މި ކަމަކީ މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު ނެގޭ ކުނިން ކައުންސިލަށް އާމްދަނީ ވެސް ލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކުރަން ނިންމި ކަމެއް ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ 88ވަނަ ރަސްމީ އާންމު ޖަލްސާގެ ތެރެއިން--- ފޮޓޯ/ ސިޓީ ކައުންސިލް
ސިޓީ ކައުންސިލްގެ މުނިސިޕަލް ކޮމެޓީގެ ފަރާތުން ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ މަސައްކަތްތަކާއި ހަވާލުވެގެން ހުންނެވި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ވިދާޅުވީ މީގެ މަޤްޞަދަކީ ކުނީގެ ގޮތުގައި އުކާލެވޭ ކާބޯތަކެއްޗާއި، ފަތްޕިލާވެލީގެ އިތުރުން މަހުގެ ބާވަތްތައް ބޭނުންކޮށްގެން ލުއިފަސޭހަ އަދި ޚަރަދުކުޑަ ނިޒާމެއްގެ ތެރެއިން ގަސްކާނާ އުފެއްދުމާއި، ރާއްޖެއިން ބޭރުން ގެންނަ ކެމިކަލް އެކުލެވިގެންވާ ގަސްކާނާގެ ބަދަލުގައި ސިޓީ ކައުންސިލުން އުފައްދާ ގަސްކާނާ ބާޒާރަށް ނެރެ ކައުންސިލަށް އިތުރު އާމްދަނީ ހޯދުންކަމަށެވެ.
ރައްކާތެރި ގަސްކާނާ އުފެއްދުމާއި ގުޅޭގޮތުން އިތުރު ތަފްޞީލް ދެއްވަމުން އެ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ އޮޕަރޭޝަން މެނޭޖަރު ޙަސަން ވަހީދު ވިދާޅުވީ މި މަސައްކަތަށް ވާންޖެހޭ ތައްޔާރީތަކެއް އެބަހުރިކަމަށެވެ.
އެގޮތުން މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރު ހިސާބެއްގައި މަސައްކަތްކުރެވޭނެ ބިމެއް ކަނޑައެޅިފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، މިކަމަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށާއި، އަދި ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ކުރަންޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މި އުފެއްދުމުގެ ފެންވަރު ބެލޭނެ އިންތިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޙަސަން ފާހަގަކުރެއްވިއެވެ. އަދި، މިކަމާއި ގުޅޭ އުޞޫލެއްވެސް ތައްޔާރުކުރަންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.