މާލެއިން ގެއްލިގެން މިދިޔަ އާދިއްތަ ދުވަހު ހޯދަން އިއުލާނުކުރި އުމުރުން 31 އަހަރުގެ ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާޢީލް، އަދިވެސް ނުފެންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

އާސިރު ގެއްލުނުތާ މިއަދަށް ފަސް ދުވަސް ވެފައިވާއިރު އޭނާގެ ބައްޕަ އިސްމާޢީލް މުހައްމަދު "ސަން"އަށް ބުނީ އާސިރު އެންމެ ފަހުން ފެނުނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

"އެރޭ ހަތްގަޑި ކޮންމެވެސް އެއްޗެއްގަ ގެއިން ނުކުތް ގޮތައް ހަބަރެއް ނުވޭ. ގޭގަ ނެތްކަން އަހަރެމެންނަށް އެނގުނީ އަނެއްދުވަހު ހެނދުނު،" އޭނާ ބުންޏެވެ.

މުހައްމަދު ބުނީ، އާސިރު ގެއިން ނުކުތީ އެއްވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނުވަތަ ރުޅިއައިސްގެން ނޫން ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަން އާއިލާއިން ދެކޮޅުހަދައެވެ.

މިދިޔަ އާދިއްޔަ ދުވަހު އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފައި ވާއިރު، ފުލުހުން ބުނީ، އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށެވެ. އަދި އެންމެ ފަހުން ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ 19:30 ހާއިރުކަމަށް އާއިލާއިން ބުނި ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އާއިލާއިން ބުނެފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.

އާސިރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 332211 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.