15 Apr 2012, 23:35
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެން ޒަކީގެ ގެ، ހ. ހުޅުގަލީގައި ހިންގަމުން އައި މަސާޖު ޕާލާއެއް ރެއިޑްކޮށް ބަޔަކު ހައްޔަރުކޮށްފި އެވެ. ހައްޔަރު ކުރީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
މިރޭ 11:30 އެހާކަންހާއިރު ފުލުހުން ހުޅުގަލި ރޭއިޑް ކުރި އިރު އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުނީ ހުޅުގަލީގެ ފުރަތަމަ ފަންގިފިލާ ބަލާ ފާސްކޮށް ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެގޮސްފައި ވަނީ ތައިލޭންޑްގެ ބައެއް ކަމަށް ބެލެވޭ ދެ އަންހެނަކާއި ދެ ފިރިހެނެކު ކަމަށެވެ.
ހުޅުގަލީގައި ހިންގީ މަސަޖާޕް ޕާލާއެއް ނަމަވެސް އެމީހުން ހައްޔަރު ކުރި ފަންގިފިލާގައި އެއްވެސް ނަމެއް ޖަހާފައެއް ނުވެއެވެ.
އަދި އޭގެ ކުރިން ކޮންމެވެސް ފޮއްޓެއް ވެސް އެގެން ގެންދިޔަ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި މައްސަލައާ ބެހޭ މައުލޫމާތު ފަހުން ދޭނެ ކަމަށެވެ.
ހުޅުގަލި ރޭޑް ކުރިއިރު އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ބައެއް މީހުން ޒަކީ ހައްޔަރު ކުރި ކަމަށް ވެސް ވާހަކަތައް ދެއްކި އެވެ. ނަމަވެސް ޒަކީ މިވަގުތު ހުންނެވީ ފުރާންސްގަ އެވެ. ޒަކީ މިރޭ ވިދާޅުވީ ހުޅުލުގަލީގައި ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު މިހުރީ އެތައް ހާސް މޭލެއް ދުރުގައި، އަޅުގަނޑަކަށް އެކައްޗެއް ވެސް ނޭނގޭ،" ޒަކީ ވިދާޅުވި އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ވަނީ މާފަންނު ވީބީ މާޓް ފިހާރަ ހުންނަ "ޝެރިން" ގޭގައި ހިންގާ ނެޗުރަލް ބިއުޓީ ކެއާ ޕާލާ ބަންދުކޮށް އެތަނުން ބިދޭސީ 10 އަންހެނަކާއި ތިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.