އެމެރިކާގެ ސިޓީއެއް ކަމަށްވާ ކެރޮލައިނާގެ މަތިން ފެނުނު ޗައިނާގެ ފުއްޕާހަމަކީ އެގައުމުގެ އަސްކަރިއްޔާއިން ޖާސޫސު ކުރުމަށް ބޭނުންކުރި ފުއްޕާހަމެއް ކަމަށް އެމެރިކާގެ ޖާސޫސީ މަސްދަރުތަކުން އަނެއްކާވެސް ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއިން ވަނީ އެ ފުއްޕާހަން ވައްޓާލާފައެވެ.

އެ ފުއްޕާހަން ވައްޓާލީ އޭގެއިން ޖާސޫސު ކުރުމުގެ ބިރު އޮތް ކަމަށް ބުނެ، އަސްކަރީ ޖެޓެއް ބޭނުންކޮށްގެންނެވެ.

ނަން ހާމަނުކުރުމަށް ބުނެ، އެމެރިކާގެ ޖާސޫސީ އޮފިޝަލުންތަކެއް ވޮޝިންޓަން ޕޯސްޓަށް ބުނީ އެފަދަ ފުއްޕާހަން ބޭނުންކުރަނީ ޗައިނާއަށް މުހިންމު ބައެއް ސަރަހައްދުތަކަށް ޖާސޫސު ކުރަން ކަމަށެވެެ. އޭގެ ތެރޭގައި ޖަޕާނާއި އިންޑިއާ އާއި ޓައިވާނާއި ފިލިޕީންސް ހިމެނޭ ކަމަށް އެ އޮފިޝަލުން ބުނެފައިވެއެވެ.

މީގެ ކުރިން ވެސް އެމެރިކާގެ ވައިގެ ސަރަހައްދުން ވަނީ ޗައިނާގެ މިފަދަ ފުއްޕާހަންތައް ފެނިފައެވެ. އަދި ޗައިނާއިން ވަނީ އެއީ ޖާސޫސު ކުރަން ބޭނުންކުރާ އެއްޗެއް ނޫން ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުން ވަނީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރުގައި ވެސް، ޗައިނާއިން ޖާސޫސް ކުރަން ބޭނުން ކުރާ ފުއްޕާހަންތަކެއް އެގައުމުގެ ވައިގެ ސަރަހައްދުން ފެނުނު ކަމަށް ބުނެފައެވެ.

ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ، އެ ފުއްޕާހަން ދޫކުރަނީ ޗައިނާ ސިފައިންގެ އަސްކަރީ މަރުކަޒެއް ހުންނަ އެގައުމުގެ ސިޓީއެއް ކަމަށްވާ ހައިނާންއިންނެވެ. އެއީ އެ މަރުކަޒުން ކުރިއަށްގެންދާ ޖާސޫސީ ޕްރޮގްރާމެއްގެ ތެރެއިން ދޫކުރާ ފުއްޕާހަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމެރިކާއިން ޗައިނާގެ ފުއްޕާހަން ވައްޓާލުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފުއްޕާހަމަކީ އެގައުމުގެ ސަރުކާރާ ގުޅުމެއް ނެތް، އާންމު ފަރާތެއްގެ ފުއްޕާހަމެއް ކަމަށާއި، އެމެރިކާގެ ވައިގެ ސަރަހައްދަށް އެ ފުއްޕާހަން ފޯރީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އެމެރިކާ އާއި ޗައިނާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް މަޝްވަރާ ކުރުމަށް މި ހަފުތާގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތް ނަމަވެސް، އެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. އަދި މި މައްސަލާގައި ދެ ގައުމުގެ ގުޅުން މިހާރު ވަނީ އިތުރަށް ގޯސްވެފައެވެ.