15 Apr 2012, 21:42
ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ 1000 ހައުސިން ޔުނިޓް އަޅަމުންދާ ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)ގެ ނައިބު ރައީސް ލީ ޗޯޔަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 1000 ހައުސިން ޔުނިޓާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
މިބައްދަލުވުމުގައި (ސީއެމްއީސީ)ގެ ނައިބު ރައީސް ލީ ޗޯޔަންގެ ވާހަކައިގައި ފުރަތަމަ ފިޔަވައްސަށް ވުރެ ދެވަނަ ފިޔަވަހީގެ ގެތައް ރަގަޅުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރަންމަންޓާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް ހުރުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމުގައި މިސްޓަރު ލީ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ގެންދާ މަސައްކަތްތައް ވަރަށް ފުރިހަމަކަން ފާހަގަކުރައްވައި، އިތުރަށް މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމެވި ކަމަށްޓަކައި އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، އެގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.