09 Feb 2023, 09:37
ދުނިޔޭގެ އެކި ކަންކޮޅުން ބޮޑެތި މަގުބޫލުކަން ހޯދާފައިވާ އޭލިސްޓު ތަރިންތަކެއް ހިމެނޭ ޑްރާމާ ޝޯ "ދަ އައިޑަލް" ޖޫން މަހުގައި ދައްކަން ފެށުމަށް ތައްޔާރުވާ ކަމުގެ ވާހަކަތައް ދެކެވެން ފަށައިފިއެވެ.
މުޅި އިންޓަނެޓް އެއް އަޑަކުން މިދިޔަ އަހަރު ސިއްސުވާލީ "އެޗްބީއޯ" އިން ނެރުނު ދަ އައިޑަލްގެ ޓްރެއިލާއިންނެވެ. ބޮޑެތި ތަރިންނާއެކު ނެރޭ މުޅިން އާ ޝޯއެއްގެ ޓީޒާއިން މުޅިން ހީވެސް ނުކުރާ ތަރިން އެކީގައި ފެނުނެވެ.
ދަ އައިޑަލްގައި ލީޑް ރޯލުން ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ "ދަ ވީކެންޑް" އިތުރުން އެންމެ މަގުބޫލު ކޭޕޮޕް ގްރޫޕް "ބްލެކްޕިންކް"ގެ ޖެނީގެ އަދި ލެޖެންޑެރީ އެކްޓަރު ޖޮނީ ޑެޕްގެ އަންހެން ދަރި ލިލީ ރޯޒް ޑެޕް އެވެ. އެއާއެކު ފޭނުންގެ ކެތްތެރިކަން ވަނީ ކޮޅުން ލައިގެން ގޮސްފައެވެ.
މިދިޔަ އަހަރު ނެރުނު ޓްރެއިލާއިން ޝޯގެ މަންޒަރުތަަކެއް ފެނުނު ނަމަވެސް އެ ޝޯ ނެރޭނެ ދުވަހެއް ނޭނގެއެވެ. ޖެނީގެ އެކްޓިން ޑެބިއޫ ހޮލީވުޑުން ފެންނަން ތައްޔާރުވާއިރު އެންމެ ފަހުން މި1 ޝޯ ދައްކަން ފަށާނެ ދުވަސްވަރެއްގެ ވާހަކަ ވަނީ އިވިފައެވެ.
ކޮރެއާގެ ނޫހެއް ކަމަށްވާ ނޭވާ އިން ބުނެފައިވާތިގޮތުގައި ދަ އައިޑަލް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ދައްކަން ފަށާނެއެވެ. ނަމަވެސް އެ ޝޯ ދައްކަން ފަށާނެ ސީދާ ދުވަހެއް އަދި ނޭނގެއެވެ. މި މައުލޫމާތު އަދި އެޗްބީއޯއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ދަ އައިޑަލް އަކީ މަޝްހޫރު ތަަރިންގެ ދިރިއުޅުން ސިފަކޮށްދޭ ގޮތަށް ތައްޔާރުކޮށްފައިވާ ޚިޔާލީ ޝޯއެކެވެ. މި ޝޯގެ ޕްރޮޑިއުސް ކުުރުމުގައި ވެސް ވީކެންޑު ވަނީ ބައިވެރިވެފައެވެ.