ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފީއަކާ ނުލާ ކުޑަގިރިއަށް ދަތުރު ދެވޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ކުޑަގިރި ހުޅުވުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް މިއަދު އެރަށަށް ވަޑައިގެންނެވި ދަތުރުގައެވެ.

އަންނަ ހޮނިހިރު ދުވަހު ހުޅުވާ ކުޑަގިރިއަށް ބަންދު ދުވަސް ނޫން އެހެން ދުވަސްތަކުގައި ދަތުރުކުރާ އިރު ފެރީއަށް ދެކޮޅު ޓިކެޓަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50 ރުފިޔާ ދައްކަން ޖެހޭނެއެވެ.

އެ ރަށަށްދާ 12 އަހަރުން ދަށުގެ ކުދިންނަށް ނަގާނީ މި އަގުތަކުގެ ދެބައިކުޅަ އެއްބައެވެ.

ނައިބު ރައީސް ވިދާޅުވީ ބަންދު ދުވަސްތަކުގައި، ފެރީގެ އަގުގެ އިތުރުން އެންޓްރެންސް ފީވެސް ދައްކަން ނުޖެހޭނެކަމަށެވެ.

ބަންދު ދުވަސްތަކުގައި ރަށް ބޭނުންކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ އާއިލާއަކަށް މަސައްކަތްކޮށްދޭ ބިދޭސީ މަސައްކަތްތެރިންނަށް އާއިލާތަކާއެކު ދަތުރުކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅާފައިވާނެކަމަށެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް އެ ރަށަށް ނޭރުވޭނެކަމަށާއި ރަށް ރީތިކޮށް ބޭއްވުން މުހިންމުކަމަށް ނައިބު ރައީސް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ކުޑަ އަގެއްގައި ލުއި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޕިކްނިކް އައިލެންޑްގެ ބޭނުމަކީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށާއި އެ ރަށުން ކުޑަކުދިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ޚިދުމަތް ލިބޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކުޑަގިރި ހުޅުވުމަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތައް ނައިބުރައީސް ފައިސަލް ނަސީމް ބައްލަވާލެއްވުން -- ފޮޓޯ/ ޕީއެސްއެމް ނިއުސް

އެޗްޑީސީއިން ކުޑަގިރި ތަރައްގީ ކުރަނީ އެރަށަށް ދަތުރު ދާ މީހުންނަށް ބޭނުންވާނެ ތަފާތު ޚިދުމަތްތަކާއެކުގައެވެ. މިގޮތުން ހަޓުތަކާއި ފާޚާނާބަރި ފަދަ ތަންތަނާއި ކުޅިވަރު ކުޅޭނެ ތަންތަން ވެސް އެ ރަށުގައި ވަނީ ގާއިމްކޮށްފައެވެ.

މީގެ އިތުރުން ކުޑަގިރީގައި ފެނަކަ ކޯޕަރޭޝަނުން ވަނީ މިސްކިތެއް ވެސް އިމާރާތް ކޮށްފައެވެ. މި ރަށަކީ އެމްއެންޑީއެފްއާ ގުޅިގެން، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭން އާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން ވެސް ތައްޔާރުކޮށްފައިވާ ރަށެކެވެ.

ކުޑަގިރިއަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވެވަޑައިގަތް ވައުދުފުޅާ ގުޅިގެން ތަރައްގީކުރި ރަށެކެވެ.