09 Feb 2023, 09:28
ސައުދީ ޕްރޯ ލީގްގައި މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރު ޓީމް، ތާވަލުގެ އެއްވަނަ ހޯދުމަށް އަލް ވެހްދަ އާ ދެކޮޅަށް ނިކުންނާނެއެވެ.
ވެހްދަގެ ދަނޑުގައި އައް ނަސްރު އާ ދެކޮޅަށް ނިކުންނަ މިމެޗަކީ, ވެހްދަ އަށް މޮޅުވުން ކޮންމެހެންވެސް މުހިއްމު މެޗެކެވެ. ސަބަބަކީ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތުން ރެލިގޭޝަނަށް ނުވެއްޓި ފަރުޖެއްސެން އަންނަނީ އައް ނަސްރު އަތުން މޮޅުވެގެންނެވެ.
އެހެންކަމުން ވެހްދަ، އައް ނަސްރުއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ވަރަށް ފޯރިގަދަ މެޗަކަށެވެ. މިރޭގެ މެޗަށް ނިކުންނައިރު، ޕްރޯ ލީގުގައި އެންމެފަހުން އަލް ވެހްދަ ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފައެވެ. އެހެންކަމުން މިއީ އައް ނަސްރާ ދެކޮޅަށް ނިކުންނައިރު އެޓީމަށް އޮތް ޕްރެޝަރެކެވެ. ލީގުގައި އެންމެ ފަހުން ވެހްދަ، އަލް ފެއިހާ އާ ދެކޮޅަށް ކުޅުނު މެޗު ދޭއް ސުމެއްގެ ނަތީޖާއަކުން ބަލިވިއިރު، އަލް ފަތެހް އަތުންވެސް ވަނީ ހަމަ އެނަތީޖާއިން ބަލިވެފައެވެ.
ޕްރޯލީގްގައި ވެހްދަ އާ ދެކޮޅަށް ނިކުންނައިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރަށް އޮތް ޕްރެޝަރުވެސް ވަކިން ކުޑައެއް ނޫނެވެ. ލީގްގައި އެންމެފަހުން އަލް ފަތެހް އާ ދެކޮޅަށް އައް ނަސްރު ކުޅުނު މެޗް ނިމުނީ ދޭއް ދޭއްގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އަނެއްކޮޅުން އަލް އިއްތިހާދު އަތުން ބަލިވެ، އައް ނަސްރު ވަނީ ސައުދީ ސުޕަކަޕް ފައިނަލަށް ނުގޮސް ކަޓާފައެވެ. މިރޭގެ މެޗަކީ ތާވަލްގެ އެއްވަނަ ހޯދުމަށް އައް ނަސްރަށް ވަރަށް މުހިއްމު މެޗެކެވެ.
މިރޭގެ މެޗު އައް ނަސްރަށް ކާމިޔާބުކޮށްދިނުމުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ އިތުރުން ކެޕްޓަނެއްގެ ހައިސިއްޔަތުންވެސް ރޮނާލްޑޯގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ބޮޑެވެ.

އައް ނަސްރުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ--- ފޮޓޯ/ އައް ނަސްރު
ސައުދީ ޕްރޯ ލީގް ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، 16 ޓީމް ހިމެނޭ ތާވަލްގެ އެއްވަނައިގަ 34 ޕޮއިންޓާއެކު އައް ނަސްރު އުޅޭއިރު، ވެހްދަ އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.
ސައުދީ ޕްރޯ ލީގްގައި މިރޭ ރޮނާލްޑޯގެ އައް ނަސްރު ޓީމް، ވެހްދަ އާ ދެކޮޅަށް ކުޅޭ މެޗު އެސްއެސްނެޓުގެ ކަސްޓަމަރުންނަށް ސޮނީ ސްޕޯޓްސް ޓެން 2 އިން ފެންނާނެއެވެ. ޗެނަލް ނަންބަރަކީ 117 އެވެ. މި މެޗް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 22:30 ގައެވެ.