މިއަހަރުގެ ރޯދަމަހު ރ. ދުވާފަރު ކައުންސިލުން ޤުރުއާން މުބާރާތެއް ބާއްވަން ނިންމާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރުފުރާއަކަށް އާންމުކޮށް މިއަދު ހުޅުވާލައިފިއެވެ.

ދުވާފަރުގައި ބާއްވާ މި މުބާރާތުގެ ކޯޑިނޭޓަރު އަބްދުﷲ ނަޒީމް "ސަން"އަށް ވިދާޅުވީ ކައުންސިލުން ރޯދަމަހަށް ޚާއްސަކޮށްގެން މިފަދަ މުބާރާތެއް ބާއްވަނީ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނާމެދު ލޯބި ޖައްސާ، އެއީ ޤުރުއާނަށް އަހުލުވެރިވެފައި ތިބި ކުދިންތަކަކަށް ހެދުމަށް ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މުބާރާތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ނަޒީމް ވިދާޅުވީ މުބާރާތުގެ އެންމެހާ ކަންކަން ރާވާ އިންތިޒާމް ކުރާނީ އެކަމަށް އެކުލަވާލާ ކޮމެޓީއަކުން ކަމަށެވެ.

އޭނާ ވިދާޅުވީ މުބާރާތުގައި އިންސާފު ކުރައްވާނެ ފަނޑިޔާރުން ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ކީރިތި ޤުރުއާނާބެހޭ މަޒުކަޒުގައި މިހާރު އެކަން ހަމައްޖައްސައިދިނުމަށް ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

"މުބާރާތުގެ މަގްސަދަކީ ދުވާފަރުގެ ދަރިންނަނީ ޤުރުއާނަށް ލޯބި ޖެހިފައިވާ، ޤުރުއާނަށް އަހުލުވެރިވެފައި ތިބި ކުދިންގެ ގޮތުގައި ހެދުން. އަދި ރީތި ރާގުތަކަށް ކިޔެވުމާއި ޤުރުއާނުގެ އަޑުގެ މަޚުރަޖާ އެއްގޮތަށް އަޑުތައް ބޭނުންކުރުމަށް ކުދިންނަށް ހިތްވަރު ދިނުން،" ނަޒީމް ވިދާޅުވިއެވެ.

މި މުބާރާތް ކުރިޔަށް ދާނީ ދެ ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް ހަ އުމުރުފުރާ ހިމެނޭނެއެވެ. އެއީ ހަ އަހަރުން ދަށާއި ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އިތުރުން 18 އަހަރުން މަތީ އުމުރުފުރާއެވެ.

އުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ މި އަހަރުގެ ޖެނުއަރީ އެކަކަށް ބައިވެރިޔާއަށް ފުރޭ އަހަރަށެވެ.

މުބާރާތުގެ ހަ އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ނަމަވެސް ހަ އަހަރުން ދަށުގެ އުމުރުފުރާގެ ބައިވެރިންގެ ކިޔެވުމަށްފަހު ވަގުތުން ދެވޭ ހަނދާނީ ލިޔުމަކާއި، ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެނޫން ކޮންމެ އުމުރުފުރާ އަކުން އެންމެ މޮޅު އެއްވަނަ، ދެވަނަ އަދި ތިން ވަނަ ބައިވެރިން ހޮވާނެއެވެ. މިވަނަތައް ހޮވާނީ ދެ ގޮފިން ވަކިންނެވެ.

މީގެ އިތުރުން މުޅި މުބާރާތުގެ އެއްވަނަ، ދެވަނަ، އަދި ތިން ވަނަ ހޮވާނެއެވެ.

މި މުބާރާތުގައި 150 ފަރާތަކުން ބައިވެރިވާނެ ކަމަށް ނަޒީމް ލަފާކުރެއްވިއެވެ. އަދި މުބާރާތުގައި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓާއި ޓްރޮފީ ދޭނެ ކަމަށް ނަޒީމް ވިދާޅުވިއެވެ.

މުބާރާތުގެ ވަނަވަނައަށް އަންނަ ބައިވެރިންނަށް ކަނޑައެޅިފައިވާ އިނާމްތަކުގެ ތެރޭގައި މުޅި މުބާރާތުގެ އެއްވަނައަށް 15،000 ރުފިޔާއާއި ޓްރޮފީއާއި ސެޓްފިކެޓް ހިމެނެއެވެ. އަދި ދެވަނައަށް 10،000 ރުފިޔާއާއި ޓްރޮފީއާއި ސެޓްފިކެޓް ދޭއިރު ތިން ވަނައަށް 5،000 ރުފިޔާއާއި ޓްރޮފީއާއި ސެޓްފިކެޓް ލިބޭނެއެވެ.

މުޅި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިން ވަނައަށް ހޮވޭ ބައިވެރިއަކަށް ޓްރޮފީ އާއި ސެޓްފިކެޓާ ފައިސާގެ އިނާމް، ދޭއިރު، ކޮންމެ ގޮތްޕަކުން އެއްވަނަ، ދެވަނަ، ތިން ވަނައަށް ހޮވޭ ބައިވެރިއަކަށް ވެސް ޓްރޮފީ އާއި ސެޓްފިކެޓާއި ފައިސާގެ އިނާމް ހަމަޖެހިފައިވާ ކަމަށް ނަޒީމް ވިދާޅުވިއެވެ.

މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚައަކީ މިމަހުގެ 28 ވަނަ ދުވަހެވެ.