08 Feb 2023, 18:42
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުން ކަސްރަތު ކުރުމަށް މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފިއެވެ.
އެ ޖިމް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފުލާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. އެތަން ހުޅުވައިދެއްވުމަށް ފަހު، އެމަނިކުފާނު ވަނީ ބައެއް މެމްބަރުންނާއެކު ޖިމް ބައްލަވާލައްވާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ އާ އިމާރާތުގެ 12 ވަނަ ފަންގިފިލާގައި މި ޖިމް ހަދާފައިވަނީ ޕާކިސްތާނު ސަރުކާރުން ދީފައިވާ ހިލޭ އެހީގެ ދަށުންނެވެ. އެ ޖިމަށް މިވަގުތަށް ވަދެވޭނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެ އިދާރާގެ މުވައްޒަފުންނަށް އެކަނި ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއެވެ.
މަޖިލީހުގެ އިދާރާގައި ޖިމެއް ހެދުމަށް ހުޅުވާލާފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެ ތަނުގައި ރެސްޓޯރެންޓަކާއި ފިހާރައެއްވެސް ހުޅުވުމަށް އޭރު ނިންމައި އިއުލާންކުރިއެވެ. ނަމަވެސް ފިހާރަ އާއި ރެސްޓޯރަންޓް އަދި އިމާރާތްކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައި ރެސްޓޯރަންޓަކާއި ޖިމަކާއި ފިހާރައެއް ހުޅުވަނީ މަޖިލީހުގެ ސޯޝަލް ކްލަބުން އިސްނަގައިގެން ކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގައި ތިބެނީ މަޖިލީހުގެ އެވަގުތެއްގައި ތިއްބަވާ މެމްބަރުންނާއި މުވައްޒަފުންނެވެ. ނަމަވެސް، މަޖިލީހުގެ ކުރީގެ މެމްބަރުންނާއި ކުރީގެ މުވައްޒަފުންނަށް ވެސް އެކްލަބްގައި ބައިވެރިވެވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.