08 Feb 2023, 20:47
ޗައިނާގެ މެޑިކަލް ޓީމަކުން ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުންނަށް، ލޮލުގެ ސާޖަރީތައް ހަދާނެ ގޮތުގެ ތަމްރީންތައް ދޭން ފަށައިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި އެ މެޑިކަލް ޓީމުގައި ހިމެނެނީ އެގައުމުގެ ސަން ޔެޓްސެން ޔުނިވާސިޓީގެ ޖޮންގްޝަން އޮފްތަލްމިކް ސެންޓަރުގެ މުވައްޒަފުންނެވެ. އެ ޓީމުގައި ހަތަރު ޑޮކްޓަރުންނާއި ތިން ނަރުހުން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ޓީމުން ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. އެ ޓީމުން ބަލި މީހުން ބެލުމުގެ އިތުރުން ލޮލުގެ ސާޖަރީތައް ހަދާނެއެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ކަސްޓަމާ ސާވިސް ޑިރެކްޓާ އަބްދުﷲ މައުރޫފް މިރޭ "ސަން"އަށް ވިދާޅުވީ ޗައިނާގެ މެޑިކަލް ޓީމުން މިހާތަނަށް 143 ބަލި މީހުން ބަލާފައިވާ ކަމަށެވެ. އިއްޔެ އެ ޓީމުން ސާޖަރީތައް ވެސް ހަދަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ޓީމް އަދި ފުދޭވަރަކަށް ދުވަހަށް ހުޅުމާލެ ހޮސްޕިޓަލްގައި ކޮންސަލްޓޭޝަންތައް ކުރިއަށް ގެންދާނެ. އެމީހުން ފުރައިގެން ދާނެ ވަކި ދުވަހެއް ބުނާކަށް ނޭނގޭ،" މައުރޫފް ވިދާޅުވިއެވެ.
ޗައިނާ އެމްބަސީއިން ބުނި ގޮތުގައި، އެ ޓީމުން ވަނީ ލޮލުގެ އެކި ބަލިތައް ޖެހިފައިވާ މީހުންނަށް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ކެޓެރެކްޓްސް، ޑައެބެޓިކް ރެޓިނޯޕެތީ، ގްލުކޮމާ އަދި ރެޓިނަލް ޓިޔާ ހިމެނެއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިން ކުރެއްވި ޓްވީޓެއްގައި ވަނީ، ހުޅުމަލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެގައުމުގެ މެޑިކަލް ޓީމާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި އެ ޓީމުން ހޮސްޕިޓަލުގެ މުވައްޒަފުން ތަމްރީނުކުރުމުގައާއި ބަލި މީހުންނަށް ފަރުވާ ދިނުމުގައާއި ސާޖަރީއަށް ބޭނުންވާ ހުރިހާ ސާމާނެއް ތައްޔާރުކުރުމުގައި ކުރަމުންދާ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާއަށް ޚާއްސަ ކްލިނިކެއް ހުޅުވީ 2020 ވަނަ އަހަރު، ޗައިނާގެ އެހީތެރިކަމާއެކުގައެވެ. އެ ކްލިނިކް ހުޅުވުމަށް ޗައިނާއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ލޮލުގެ ފަރުވާއާ ގުޅޭ އާލާތްތައް ޗައިނާ ސަރުކާރުގެ ފަރާތުން ދޭނެއެވެ. އަދި ޗައިނާގެ ލޮލުގެ ޚާއްސަ ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެއްވައި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ތަމްރީންތައް ޗައިނާގައި ވެސް ދޭނެއެވެ.
ޗައިނާ އާއި ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރީ 1972 ވަނަ އަހަރެވެ. މިދިޔަ އަހަރު މި ގުޅުމަށް 50 އަހަރު ފުރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.