ސިނާއީ ބޭނުމަށް ތިލަފުށިން ވިއްކުމަށް ހަމަޖެހިފައިވާ ބިމުގެ 90 އިންސައްތަ ޚާއްސަ ކުރާނީ ދިވެހި ވިޔަފާރިތަކަށް, ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ ތިލަފުށީގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް 150 ހެކްޓަރުގެ ބިން ހަމަޖެހިފައިވާ ކަމަށާއި، އެމަޝްރޫއުގެ ދަށުން 50 ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަލަށް ހިއްކާ ބިމުގެ 90 ޕަސަންޓު ދިވެހި ވިޔަފާރިތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ދިވެހިންނަށް ބިން ވިއްކަނީ މިލްކު ކުރެވޭ ގޮތަށް ކަމަށާއި، ބޭރު ފަރާތްތަކަށް 99 އަހަރަށް ކުއްޔަށް ހިފޭގޮތަށް ކަމަށެވެ. ތިލަފުއްޓަކީ ސްޕެޝަލް އެކޮނޮމިކް ޒޯންއެއް ނޫން ކަމުގައިވާއިރު، ތިލަފުށީގެ މަދު ބިންތަކަކަށް އެދޭ ބޭރުގެ ވިޔަފާރިތަކުން ވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

އަދި އެ ވިޔަފާރިތަކުގެ ސަބަބުން ދިވެހިން ކުރާ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިންނަށް ގިނަގުނަ ވަޒީފާގެ ފުރުސަތުތަކެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން، ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތަކަށް ބޮޑު ލުއެއް ލިބި، ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް އިތުރުވާނެ ކަންވެސް އެކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ތިލަފުށި ޒޯން އޭއިން ދޫކުރާ މި ބިންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާއިރު، ބިމަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާއެވެ. ސަރުކާރުން ތިލަފުށި ތަރައްގީކުރަން އެކުލަވާލި މާސްޓާ ޕްލޭނުގައިވާ ގޮތުން އިތުރު 151 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ތިލަފުށި ކުނި މެނޭޖުކުރާ ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ރަށަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި ހެދުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ދިގު މުއްދަތަކަށް ބިދޭސީންނަށް ރާއްޖެއިން ބިން ގަނެވޭ ގޮތަށް އުސޫލު އޮތުމާއެކު، ސަރުކާރަށް ވަނީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. މިއީ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން ވިއްކުމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ. މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމައްސަލަ މަޖިލީހުން ބަލައިގެންފައެއް ނުވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް މިކަމާ ގުޅޭގޮތުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.