ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަސާސީ ގަވާއިދާއި އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޕާޓީގެ ލީޑަރުގެ މަގާމު އުވާލާ ޕާޓީއަށް ރައީސަކު އައްޔަންކުރަން ނިންމައިފިއެވެ.

ޕާޓީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން ގަވާއިދު އިސްލާހު ކުރުމަށް މިއަދުގެ ވަގުތެއްގައި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ހުށަހަޅުއްވާފައިވާކަން އިތުބާރު ހުރި މަސްދަރަކުން ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ކޮންގްރެސްގައި ޖޭޕީގެ ހިންގާ ގަވާއިދު އިސްލާހު ކުރާއިރު މިބަދަލު އަސާސީ ގަވާއިދަށް ގެނައުމަށް ވަނީ ނިންމާފައެވެ.

ޖޭޕީގެ އަސާސީ ގަވާއިދާއި، އަސާސީ ގަވާއިދަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށާއި، މި މައުލޫމާތުތައް ވަރަށް އަވަހަށް މީޑިއާތަކާއި، ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާކުރާނެ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ އަސާސީ ގަވާއިދުގެ ޑްރާފްޓެއް ޕާޓީގެ ބައެއް މެމްބަރުންނާ ހިއްސާކޮށް އެކަމާ ގުޅޭގޮތުން މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް "ސަން" އަށް މައުލޫމާތު ދެއްވި ފަރާތުން ވަނީ ބުނެފައެވެ.

މި ވަގުތު ޖޭޕީގެ ލީޑަރުގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ޕާޓީ އުފެދުނީއްސުރެ ގާސިމް ހުންނަވަނީ ޕާޓީގެ ލީޑަރުގެ މަގާމުގައެވެ. ޕާޓީގެ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ ޕާޓީގެ ލީޑަރުކަމުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމް އާއެކު އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހުއެވެ.