ޗާންދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދާ ކުޑަކުއްޖަކަށް އެކި ފަހަރުމަތިން ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިއްޔެ ހައްޔަރުކުރި އެ މިސްކިތުގެ މަސައްކަތު މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް އިތުރުކޮށްދީފިއެވެ.

ފުލުހުން އިއްޔެ ބުނީ މައްޗަންގޯޅީގައި ހުރި މިސްކިތަކަށް ދިޔަ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 30 ދުވަސް އިތުރު ކޮށްދީފައެވެ.

އެ މީހާ އިއްޔެ ހައްޔަރު ކުރުމުގެ ކުރިން އެ ސަރަހައްދަށް މީހުން އެއްވެ، ބިދޭސީ މީހާއަށް ހަމަލާ ދޭން މަސައްކަތް ކުރި މަންޒަރު "ސަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އެ ވަގުތު އެތަނުގައި ތިބި ބައެއް މީހުން ވަނީ އޭނާ އެއްކައިރިކޮށް ފުލުހުންނާ ހަވާލުކޮށްފައެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ އެސަރަހައްދުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެތަނުގައި ހުރި މީހެއް "ސަން"އާ ވާހަކަދައްކަމުން ބުނީ އެ ބިދޭސީ މީހާއަކީ މިސްކިތު މަސައްކަތު މީހެއް ކަމަށާއި، އޭނާ އެކަން ކުރީ ވުޟޫ ކުރާ ތަނުގެ ތެރޭގައި ކަމަށެވެ.

އެގޮތުން، އޭނާގެ ޖިންސީ ގުނަވަން އެކުޑަކުއްޖާއަށް ދައްކައިގެން ހުރި މަންޒަރު ފެނުނީ މިސްކިތަށް ނަމާދަށް ދިޔަ އެހެން ކުޑަ ފިރިހެން ކުއްޖަކަށް ކަމަށާއި އެކަން އެތަނުގައި ތިބި މީހުންގެ ސަމާލުކަމަށް ގެނައީ އެކުއްޖާ ކަމަށް އެ މީހާ ބުންޏެވެ.

އެކުޑަ ފިރިހެން ކުއްޖާގެ މަންމަ އާއި ބައްޕަ ވަނީ އެސަރަހައްދަށް ގޮސް އެކުއްޖާ ގެއަށް ގެންގޮސްފައެވެ. އެކުއްޖާގެ ބައްޕަ ބުނީ އެމީހުން ދިރިއުޅޭ ގެ ހުންނަނީ މިސްކިތް ކައިރީގައި ކަމަށާއި އެކުއްޖާ ކޮންމެ ދުވަހަކުވެސް މިސްކިތަށް ނަމާދަށް ދާ ކަމަށެވެ. އެއީ 10 އަހަރުން ދަށުގެ ކުއްޖެކެވެ.

އޭނާ ބުނީ އެ ބިދޭސީ މީހާ އެކުއްޖާއަށް އެކި ދުވަސް މަތިން ޖިންސީގޯނާ ކުރިކަމަށް އެ ކުޑަކުއްޖާ ބުނެފައިވާ ކަމަށެވެ.