ޕްލޭނިން މިނިސްޓްރީން, ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރިޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އަމީނީ މަގު ހެދުމުގެ މަޝްރޫއު ނިމޭނީ މި އަހަރުގެ ސެޕްޓެމްބަރު 27ގައި ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިން މިނިސްޓްރީން ބުނެފައިވަނީ މި މަހުގެ ނިޔަލަށް އެ މަގުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވިދާޅުވީ، މަސައްކަތް ލަސްވީ ސަމާނު ލިބުމުގައި ދިމާވި ދަތިކަމެއްގެ ސަބަބުން ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ --- ފައިލް ފޮޓޯ/ މަޖިލިސް

"ސޮއި ކުރުމަށް ފަހު އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ޕްރިވިޝަންތައް ލުމައްޓަކާ އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް ސަޕްލައި ޓީމުގެ ހުރި ދަތިތަކާއެކު ލަސްވުން،" އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ސެޕްޓެމްބަރު 27އަކީ އެ ދަތުތަކަށް ބެލުމަށްފަހު ކަނޑައަޅާފައިވާ އާ ތާރީޚެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޕްލޭނިން މިނިސްޓްރީން ދެން ކުރަން ނިންމާފައިވާ މަސައްކަތަކީ، މާލޭގެ މެރިން ޑްރައިވްގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެއީ އަމީނީ މަގުގެ މަސައްކަތް ވަކި ހިސާބަކަށް ދިއުމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިއަދު މަޖިލީޙުގެ ޖަލްސާގައި މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

"މަސައްކަތް ކުރަމުން މި ގެންދަނީ މާލޭގެ އުތުރު ފަރާތު މެރިން ޑްރައިވް އަމީނީ މަގަށް ފަހު ކުރިއަށް ގެންދިއުމަށް. މި ދައުރުގެ ތެރޭގައި ކުރެވޭނެ ކަމަށް ޕްލޭންކޮށްފައި އޮތް މަގަކީ އެއީ އިތުރަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ޕްލޭނަކީ އެ މަގު އެއްކޮށް ފުޅާކޮށް، އެ މަގު ހެދުން ކަމަށެވެ. މިދިޔަ މަހުގެ 17ވަނަ ދުވަހު އާރުޑީސީން ވަނީ އަމީނީމަގުގައި ތާރުއަޅަން ބޭނުންވާ ސާމާނު މާލެ ގެނެސްފައެވެ.