08 Feb 2023, 12:07
ރޭ ދަންވަރުގެ ވަގުތެއްގައި މާލޭ ގްރޭންޑް ކައިރީ މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނު ނަމަވެސް ފުލުހުން އެ ސަރަހައްދަށް ދިއައިރު އެއްވެސް މީހަކު އެ ސަރަހައްދުގައި ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ރޭ ދަންވަރު މާރާމާރީއެއްގެ ރިޕޯޓު ލިބުނު ކަމަށާއި އެއާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި މާރާމާރީއެއް ހިނގާފައިވާކަން ފާހަގަ ނުވާކަމަށާއި އަދި މީހަކު ވެސް އެ ސަރަހައްދުން ފެނިފައި ނުވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެހެންނަމަވެސް މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ މަހު ވެސް މާލޭގައި ވަނީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެެއެވެ.